ޚަބަރު

ވެސްޓަރން ޔޫނިއަންއިން ވަގަށްނެގި ގިނަ އަދަދެއްގެ ފައިސާ ހޯދައިފި


މާލޭގައި ހުންނަ ވެސްޓަރން ޔޫނިއަންގެ އޮފީހުން ރޭ ފޭރިގަނެފައިވާ ގިނަ އަދަދެއްގެ ދިވެހި ފައިސާއާއި ޑޮލަރު ހޯދައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި މިހާތަނަށް 1،125،590 (އެއްމިލިއަން ސަތޭކަ ފަންސަވީސް ހާސް ފައްސަތޭކަ ނުވަދިހަ) ރުފިއާއި، 321،603 (ތިންސަތޭކަ އެކާވީސް ހާސް ހަސޭތަކަ ތިން) ޑޮލަރު ހޯދާފައިވާ ކަމަށާއި މި ފައިސާ ވެސްޓަން ޔޫނިއަންގެ އެކައުންޓަށް މިއަދު ހަވީރު ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި މިމައްސަލައާ ގުޅުން ހުރި އިތުރު ފައިސާ ނުފެނި ވޭތޯ ބައްލަވަމުން ގެންދަވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކުރައްވާފައިވާ ކަމެއް ފުލުހުން ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ.

ވެސްޓަން ޔޫނިއަންއިން ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފައިވަނީ މޫނޫ ނިވާކޮށްގެން ތިބި ބަޔަކު ވެސްޓަރން ޔޫނިއަން އޮފީހަށް ރޭ ދަންވަރު 12:45 އެހާއިރު ވަދެއެވެ. މި މީހުން ފައިސާ ފޭރިގެންފައިވަނީ އެތަނުގައި އެ ވަގުތު ތިބި މުވައްޒަފުން ބަނދެ ވަޅިން ބިރުދެއްކުމަށް ފަހުކަމަށް ފުލުހުން ވިދާޅުވެއެވެ.