"ރާއްޖެ ޖޫނިއަރސް" ފުޓުބޯޅަ މުބާރާތުގައި، ހިރިޔާ ސްކޫލުގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ކުރި ހޯދާ، ރެހެންދި ސްކޫލުން މޮޅަކުން މުބާރާތް ފަށައިފިއެވެ. މި މުބާރާތުގެ މެޗުތައް ކުޅެނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ.
ރެހެންދި ސްކޫލުން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ ހަވަނަ މިނެޓުގައެވެ. މިއީ، ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ހިރިޔާ ސްކޫލްގެ ގޯލްކީޕަރު ބޯމަތިން ބޯޅަ އޮއްސާލައިގެން ރެހެންދި ސްކޫލްގެ ކެޕްޓަން ކާމިޔާބުކޮށްދިން ގޯލެކެވެ. އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 16 ވަނަ މިނެޓުގައެވެ.
ފުރަތަމަ ހާފުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައި ނުވިނަމަވެސް، ރެހެންދި ސްކޫލުން ވަނީ ހިރިޔާގެ ގޯލަށް ކެނޑިނޭޅި ނުރައްކާ ކޮށްފައެވެ. ޖަވާބުގައި ހިރިޔާއަށް އުފެއްދިފައިވަނީ މަދު ހަމަލާއެކެވެ.
ދެވަނަ ހާފުގައިވެސް ފެނިގެންދިޔައީ، ރެހެންދި ސްކޫލުން މެޗު ޑޮމިނޭޓުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދަމުންދިޔަ ތަނެވެ. ނަމަވެސް، ދެވަނަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފެނިގެންގޮސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މިއީ، ވަރަށް ހަމަޖެހިލާފައި ހިރިޔާގެ ޕެނަލްޓީ އޭރިއާ ތެރޭ ވަން-ޓޫ ޕާސްތަކެއް ޖެއްސުމަށްފަހު ރެހެންދި ސްކޫލުން ކާމިޔާބުކުރި ހިތްގައިމު ގޯލެކެވެ.
މި ނަތީޖާއާއެކު، މިވަގުތު ގްރޫޕްގެ 1ވަނަ ލިބެނީ ރެހެންދިއަށެވެ. މި ދެ ޓީމު ހިމެނޭ ގްރޫޕް 4 ގައި ދެން ހިމެނެނީ އަމީނިއްޔާ އަދި މަޖީދިއްޔާއެވެ.
މި ގްރޫޕުގެ މެޗެއް ދެން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މި މެޗުގައި ރެހެންދި ސްކޫލާ ދެކޮޅަށް ނުކުންނާނީ މަޖީދިއްޔާ ސްކޫލެވެ.