އީރާނާއެކު ކުރަމުންދާ ސުލްޙައިގެ މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރައްވާ މަންދޫބުން ޕާކިސްތާނަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރު ފަސްކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން، މަޝްވަރާތައް އަނެއްކާ ވެސް ހުއްޓުމަކަށް އައިސްފިއެވެ. ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވުމަށް ތައްޔާރުކުރަމުން ދިޔަ ވާހަކަތަކުގައި އެމެރިކާ ތަމްސީލު ކުރެއްވުމަށް ހަމަޖެހިފައި އޮތީ ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޮފާއި، އޭނާގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނަރއެވެ.
ޓްރަމްޕްގެ ނިންމެވުމާއެކު، މަޝްވަރާތައް އަނެއްކާވެސް މަޑުޖެހުމުން، މީގެ ދެ މަހެއްހާ ދުވަސް ކުރިން ޞަޔްހޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނެވޭނެކަމާމެދު ކުރެވޭ އުންމީދު ވަނީ ފަނޑުވެފައެވެ. އަދި، ވާހަކަތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވާފައި ވަނީ އެދެވޭ ނަތީޖާއެއް ނުލިބިއެވެ. ޓްރަމްޕް ވިދާޅުވީ މަންދޫބުންގެ ދަތުރު ފަސްކުރެއްވީ އީރާނުން ހުށަހެޅި ހުށަހެޅުންތައް އެކަށީގެންވާކަމަށް ޤަބޫލު ނުކުރެއްވޭތީއާއި، އެ ކަމަށް ހިނގާނެ ޚަރަދާއި ދަތުރަށް ބަލާއިރު އެއީ ބޭކާރު ދަތުރެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީ ކަމުގައެވެ.
ސުލްޙައިގެ މަޝްވަރާތަކާ ގުޅޭ ގޮތުން އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވެސް ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ. ޕީޒިޝްކިޔާން ވިދާޅުވީ، އެމެރިކާއިން ކުރިމަތިކޮށްފައިވާ ޙިޞާރުތަކާއި ބިރުދެއްކުމުގެ ތެރެއިން "މަޖުބޫރީ ޙާލަތުގައި" ތެހްރާނުން މަޝްވަރާތަކަށް އިޖާބަ ނުދޭނެ ކަމުގައެވެ. އަދި، އެއްވެސް މަޝްވަރާއެއް ފެށުމުގެ ކުރިން އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތައިލަން ޖެހޭނެ ކަމުގައެވެ.
ނަމަވެސް، ޓްރަމްޕްގެ ނަޒަރުގައި އީރާން އޮތީ ބަލިކަށި ޙާލަތެއްގައެވެ. މަޝްވަރާ ކުރަން ބޭނުންނަމަ އީރާނުން އިސްވެ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް ވަނީ އީރާނުގެ އިސްވާރުންގެ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރިކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް، އީރާނުގެ އިސްވެރިން ވިދާޅުވީ ޤައުމު އޮތީ އިސް މުރުޝިދުގެ ފަހަތުގައި ސާބިތުކަމާއެކު އެކަތިގަނޑެއްގެ ގޮތުގައި ކަމުގައެވެ.
ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ތެލުގެ އަގު ވަނީ ފާއިތުވި އަހަރުތަކުގައި ނުއުފުލޭ މިންވަރަށް އުފުލިފައެވެ. ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައިވާއިރު، އެމެރިކާއިން ދަނީ އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމަށް ހުރަސްއަޅަމުންނެވެ. މީގެ އިތުރުން، ލުބްނާނަށް އަލުން ޙަމަލާ ދޭން ފެށުމަށް ޔަހޫދީންގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަމުރުކުރުމާ ގުޅިގެން، ޔަހޫދީންނާއި ލުބްނާންގެ ސަރުކާރާ ދެމެދު އަމަލުކުރަމުންދާ ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން އޮތީ ނުރައްކަލެއްގެ ތެރޭގައެވެ.