އަލިމަސް އިންސްޓިޓިއުޓްގެ ފަރާތުން އުފައްދާފައިވާ "ބަސްކާޑު" ސެޓު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ނެރެދެއްވައިފިއެވެ.
މި ބަސްކާޑުތައް ނެރުއްވައިދެއްވީ ދިވެހިބަހުގެ އެކަޑަމީން ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދުގައި ބޭއްވި "ދިވެހިބަހުގެ ހަވީރު" ގައެވެ. މި ރަސްމިއްޔާތުގައި ވަޒީރު ހީނާ ވަލީދުގެ އިތުރުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދާއި، އަލިމަސް އިންސްޓިޓިއުޓްގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ބަސްކާޑުތަކަކީ އިނގިރޭސި ބަސް ދަސްކުރުމަށް ބޭނުންކުރާ "ވޯޑް ކާޑް" ތަކުގެ އަސްލަށް ބަލައިގެން، ދިވެހިބަސް ދަސްކޮށްދިނުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެއްކަމަށް އަލިމަސް އިންސްޓިޓިއުޓުން މަޢުލޫމާތު ދެއްވައެވެ. މިއީ ދަރިވަރުންގެ މެދުގައި ދިވެހިބަހަށް އޮންނަ ޝައުޤުވެރިކަން އިތުރުކޮށް، މުނިފޫހިފިލުވުމުގެ ތެރެއިން ބަސް އުނގަންނައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެ އިންސްޓިޓިއުޓުން ވިދާޅުވެއެވެ.
މި ބަސްކާޑުތައް ޚާއްޞަކޮށްފައިވަނީ ތަޢުލީމީ މަންހަޖުގެ ކީސްޓޭޖް 1 އަދި ކީސްޓޭޖް 2 ގެ ދަރިވަރުންނަށެވެ. މީގެ ސަބަބުން ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދިވެހިބަހުގެ ލަފުޒުތަކާއި އޭގެ މާނަ ދަސްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.