ވިޔަފާރި

ކާޑުގެ ބާވަތްތަކުގެ އަގުހެޔޮކުރަން އެސްޓީއޯއިން މަސައްކަތް ކުރަނީ


އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮ ކުރެއްވުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ ކާޑު ވިއްކުމަށް ކުރާ ހަރަދު ކުޑަ ކޮށްގެން އާއްމުންނަށް ކާޑު ވިއްކާ އަގު ހެޔޮ ކުރެއްވުމަށްޓަކައި، ސަރުކާރާއި ގުޅިގެން އެކަމާއި ގުޅޭ ދިރާސާތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ގެންނަ ކާޑު ޝިޕްމަންޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ އެ ކުންފުނީގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް އަބަދުވެސް ހުންނާނެ ކަމަށާއި، އަދި އެ ކުންފުނިން އަތޮޅުތެރެއަށް ކާޑު ޑިސްޓްރިބިއުޓް ކުރާ ފަރާތްތަކަށްވެސް ފަސޭހަގޮތްތަކެއް އެ ކުންފުނިން ހަމަޖައްސާފައިވާ ކަމަށެވެ.