މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އީރާނަށް މުދާ ގެންދިޔުމަށް ހުރަސްތައް ކުރިމަތިވެ، އެއްގަމު މަގުން މުދާ އުފުލާ އެތެރެކުރެވޭނެ ގޮތްތައް އެ ޤައުމުން ބަލަން ފަށައިފިއެވެ.
ޕާކިސްތާނުގެ ކަރާޗީގެ ބަނދަރުގައި އީރާނަށް ގެންދިޔުމަށް ތައްޔާރުކޮށްފައިވާ 3،000އަކަށް ކޮންޓެެއިނަރު މިހާރު ވެސް އެބަހުއްޓެވެ. އެ ކޮންޓެއިނަރުތައް ބަނދަރުގައި ތާށިވެފައި ވަނީ މުދާ ބަރުކުރުމަށް ހަމަޖެހިފައިވާ ބޯޓުތައް ބަނދަރަށް އައިސްފައި ނުވާތީއެވެ. އެ ގޮތަށް އެ ކަން ދިމާވެފައި ވަނީ މުދާ އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ މައްސަލަތަކުގެ ސަބަބުންނެވެ. ކޮންޓެއިނަރުތަކުގައި ހުރީ ކޮން ބާވަތްތަކެއްގެ މުދަލެއް ކަން ނޭނގުނު ނަމަވެސް، އެ ކޮންޓެއިނަރުތަކުން ދޭހަކޮށްދެނީ އީރާނުގެ ވިޔަފާރި މަގުތަކަށް ކުރިމަތިވެފައިވާ ހުރަސްތަކެވެ.
އެމެރިކާއާއި ޔަހޫދީން އީރާނަށް ޙަމަލާ ދިނުމާއެކު އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބޭނުން ކުރުމަށް ހުރަސްއަޅަން ފަށައިފައެވެ. އޭގެ ފަހުން، ހިނގަމުންދާ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ޤައުމުގެ ކަނޑުގެ ސިފައިން އީރާނުގެ ބަނދަރުތަކުން އުޅަނދުތައް ލަފާފުރުމަށް ހުރަސް އަޅާނެ ކަމަށެވެ. އެމެރިކާއިން އެ ގޮތަށް ޢަމަލުކުރަން ފެށުމާއެކު އީރާނުން މުދާ ބޭރުކުރުމަށް ވަނީ ހުރަސްއެޅިފައެވެ. އަދި އީރާނަށް ކޮންމެހެން މުހިންމު އިމްޕޯޓު މުދާ ވެސް ވަނީ އެތެރެނުކުރެވިފައެވެ. މަސްރަހު ދިރާސާކުރާ މާހިރުން ޤަބޫލުކުރާ ގޮތުގައި އަސްކަރީ ފިޔަވަޅަށް ވުރެ އީރާނަށް ނުރައްކާ ބޮޑީ މި ފަދަ އިޤްތިޞާދީ ފިއްތުންތަކެވެ.
އެނގިފައިވާ ގޮތުގައި އީރާނުން މިހާރު ވަނީ އައު ވިޔަފާރި މަގުތައް ދިރާސާ ކުރަން ފަށައިފައެވެ. ޕާކިސްތާނާއި އީރާނާ ދެމެދު އޮންނަ 900 ކިލޯމީޓަރުގެ ސަރަޙައްދީ ރޮނގު މެދުވެރިކޮށް އެއްގަމު މަގުން އީރާނަށް މުދާ ގެނައުމާ ގުޅޭގޮތުން އީރާނުގެ ސަރުކާރުގެ ފަރާތުން ޕާކިސްތާނާ މަޝްވަރާކުރަމުންދާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އެ ހުށަހެޅުމުގެ ދަށުން ޕާކިސްތާނުުގެ ފަރާތުން ސަރަޙައްދީ ރޮނގާ ހަމައަށް މުދާ ގެންގޮސްދޭނެއެވެ. ބޯޑަރު ސަރަޙައްދުން އީރާނުން އެ މުދަލާ ޙަވާލުވެ، އީރާނަށް އެ ތަކެތި އެތެރެކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި ގެންދަންވާ މަންޒިލަށް އެ ތަކެތި ގެންދިޔުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އެއްގަމު މަގުން މުދާ އުފުލުމަށް ހޭދަވާ ވަގުތު އިތުރުވި ނަމަވެސް އީރާނުން އެ ކަމަށް ބޮޑެތި ޢަދަދުތަކުން ޚަރަދުކުރުމަށް އޮތީ ތައްޔާރަށެވެ.