ދީނާއި އަޅުކަން

"ޤުރުއާން ކިޔެވުމުގެ މުބާރާތްތަކެއް ބޭއްވުމަކީ މުހިއްމު ކަމެއް"


ސަތޭކަ އަށްޑިހަ ތިން ބައިވެރިންނާއެކު ޤުރުއާން ކިޔެވުމުގެ އެއްތިރީސްވަނަ ޤައުމީ މުބާރާތް ރޭ ވަނީ ފަށްޓަވާފައެވެ. އިސްލާމީ މަރުކަޒުގައި މި މުބާރާތް ފަށްޓަވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދުއެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަވަމުން ގެންދަވާ މުބާރާތެކެވެ. އޭރު މި މުބާރާތް ބާއްވަވާފައިވަނީ މަޢުހަދުއްދިރާސާތުއް އިސްލާމިއްޔާއިންނެވެ. އެހެންނަމަވެސް 1985 ވަނަ އަހަރު ސަރުކާރުން ވަނީ ޤުރުއާން މުބާރާތް ރާއްވަވާ އިންތިޒާމު ކުރެއްވުމަށް މިހާރުގެ ޤުރުއާނާބެހޭ މަރުކަޒާ ޙަވާލުކުރައްވާފައެވެ. ޤުރުއާނާބެހޭ މަރުކަޒު ސަރުކާރުން އުފައްދަވާފައިވަނީ 2000 ވަނަ އަހަރުއެވެ. img:http://s4.psmnews.mv/images/660x400/14754777187019.jpg|ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތް ފެއްޓެވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތް ޝަރަފްވެރި ކޮށްދެއްވާ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިއާދު ވިދާޅުވީ މުސްލިމުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމަށް މިފަދަ މުބާރާތްތައް ބޭއްވުން މުހިންމު ކަމަށެވެ. އަދި މިފަދަ މުބާރާތްތައް ބޭއްވުމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ބާއްވާ މިފަދަ މުބާރާތްތަކުގައި ބައިވެރިވާނެ ފަރާތްތައް ހޯއްދެވުމުގައި ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކީރިތި ޤުރުއާނާއިބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ޢުމުރުފުރާއެއް ކަނޑައަޅުއްވާފައި ނުވާކަމަށެވެ. އަދި އެގޮތަށް ހަމަޖެއްސެވީ ވީހާވެސް ގިނަބަޔަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުން ކަމަށެވެ. ޤުރުއާނާބެހޭ މަރުކަޒު ރައީސް ވިދާޅުވީ، މިހާތަނަށް މި މުބާރާތް ބާއްވަމުން އައީ ސްކޫލްތަކުގެ މެދުގައި ބާއްވާ މުބާރާތެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މިފަހަރު މިބޭއްވެނީ އެހެން އަހަރުތަކާއި ތަފާތު ގޮތަކަށް ކަމަށް ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14754817413846.JPG|ކީރިތި ޤުރުއާނާއިބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބާއްވަވާ 31 ވަނަ ފަހަރެވެ. މިއަހަރުގެ މުބާރާތުގައި 183 ބައިވެރިން ކިޔަވާނެ ކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވިއެވެ.