ކުޅިވަރު

އީ ސްޕޯޓްސް ވަރލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވެއްޖެ


8ވަނަ އިލެކްޓްރޯނިކް ސްޕޯޓްސް ވަރލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވާއިރު އުއްމީދަކީ ރަނގަޅު ވަނައެއް ހޯދުން ކަމަށް މޯލްޑިވްސް އީ ސްޕޯޓްސް އެސޯސިއޭޝަނުން ބުނެފި.

 މިމަހުގެ 5- 10ށް އިންޑޮނީޝިއާގެ ޖަކާޓާގައި ކުރިއަށްދާ މި ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވާއިރު، ޓީވީ ގޭމްގެ އެންމެ ބޮޑު މި ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވަނީ ކައުންޓަރ ސްޓްރައިކްގައެވެ. ރާއްޖޭގެ އީ ސްޕޯޓްސް އެސޯސިއޭޝަނުން ބުނީ ރާއްޖޭގައި ހުނަރު ހުރި ކުދިން އެބަތިބި ކަމަށާއި މިފަދަ ފުރުސަތުތަކާއެކު ރާއްޖޭގެ ޓީމްގެ ހުނަރު ދައްކާލެވޭނެ ކަމަށެވެ. 

ޒުވާން ޓީމެއް ރާއްޖެއިން މިފަހަރުގެ ގޭމްސްއަށް ފުރާއިރު ރާއްޖޭގެ އީ ސްޕޯޓްސް ޓީމް އަންނަނީ ބޭރުގެ މުބާރާތްތަކުން ރަންވަނަތައް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ މުހައްމަދު ޒަމީލް ޒިހުނީ ވަނީ ފީފާ މުބާރާތުން ދެވަނަ ހޯދާފައެވެ. 37 ހަތް ޤައުމުގެ 479 ބައިވެރިންނާއެކު ޖަކާޓާގައި ފަށާ އީ ސްޕޯޓްސް ވަރލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވާ ޓީމް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތިންވަނަ ދުވަހުގެ ރޭ އެވެ.

 މިއީ ރާއްޖޭގެ އީސްޕޯޓްސް އެސޯސިއޭޝަނުން ބައިވެރިވާ 5ވަނަ ވަރލްޑް ޗެމްޕިއަންޝިޕެވެ.