ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވަޑް އެސްޓީވީއޯ ވިލިއަން އަށް ކުރިއަށް އޮތް ވޯލްޑް ކަޕުގައި ކުޅެވިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
އޭނާގެ ފަލަ މަސްގަނޑަށް އަނިޔާވީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ޗެލްސީ 1-0 އިން ބަލިވި މެޗުގަ އެވެ. ސީޒަނުގައި ދެ ވަނަ ފަހަރަށް ފަލަމަސްގަނޑު ހަލާކުވެ އެންމެ 19 މިނިޓަށް ދަނޑުން ފޭބިއިރު އޭނާ ދިޔައީ ރޮމުންނެވެ. އަދި މިއަދު ހެނދުނު ހެދި ޓެސްޓްތަކުން މިހާރު ޔަގީންވެފައިވަނީ މި ސީޒަނުގެ އެއްވެސް މެޗެއްގައި އޭނާ އަށް ނުކުޅެވޭނެ ކަމަށެވެ. ނަމަވެސް އަނިޔާގައި ހުންނަން ޖެހޭނީ ކިހާ މުއްދަތަކަށް ކަމެއް ކުލަބުން ނުބުނެ އެވެ.
ޗެލްސީގެ ކުރީގެ ކޯޗު ކަމުން ރޭ ވަކިކުރި ލިއަމް ރޮޒީނިއާ ވެސް އެސްޓީވިއޯ ހުރީ ވަރަށް ދެރަވެފައި ކަމަށާއި އޭނާއާ މެދު ހިތާމަ ކުރާ ކަމަށެވެ.
މިއަނިޔާގެ ސަބަބުން މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ 19 އަހަރުގެ ކުޅުންތެރިޔާ އަށް ވޯލްޑް ކަޕުގައި ކުޅެވޭނެތޯ އެވެ. ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީ މިހާތަނަށް ބުނަމުން އައީ ވޯލްޑް ކަޕަށް ގެންދާނީ 100 ޕަސެންޓް ފިޓް ކުޅުންތެރިން ކަމަށެވެ. އަދި އެސްޓީވީއޯ އަކީ މިހާތަނަށް އަންޗެލޯޓީގެ ޓީމުގައި ބަރާބަރަށް ކުޅެމުން އައި ކުޅުންތެރިއެކެވެ.
އެސްޓީވިއޯ ވަނީ މި ސީޒަނުގައި ޗެލްސީ އަށް 36 މެޗުން އަށް ގޯލު ޖަހައިދީ ހަތަރު ގޯލެއް ޖަހަން މެގު ފަހިކޮށްދީފަ އެވެ. ބްރެޒިލްގެ ޕަލްމެއިރާސް އަށް 29 މިލިއަން ޕައުންޑް ދީފައި ޗެލްސީން އޭނާ ގަތީ މި ސީޒަން ފެށުމުގެ ކުރިންނެވެ.