ޚަބަރު

އިސްލާމިކް މިނިސްޓަރ ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލައިފި


އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ އަޙްމަދު ޒިޔާދު ރ. އަދި ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރާއި، އެމަނިކުފާނުގެ ޓީމުން ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށާއި، ރ. އަތޮޅުގެ 5 ރަށަކަށް ވަޑައިގެންފައިވެއެވެ. ދަތުރުފުޅުގެ ތެރެއިން ރ. އިންނަމާދުއާއި، ރ. އަގޮޅިތީމުގައި ޢިމާރާތް ކުރެއްވި މިސްކިތްތައް ޑރ. ޒިޔާދު ހުޅުއްވާދެއްވާފައިވެއެވެ.

އަދި، އިސްލާމިކް މިނިސްޓްރީގެ ޓީމުން މި ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ބައްދަލުކުރައްވާފައިވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިނިސްޓަރގެ ދަތުރުފުޅުގައި ބ. އަތޮޅާއި، ރ. އަތޮޅުގެ ސްކޫލްތަކުގައި ޤުރުއާނާއި އިސްލާމް މުދައްރިސުން ހަމައަށް ތިއްބެވިތޯ ބެއްލެވި ކަމަށާއި، އަދި މިސްކިތްތަކުގެ ޙާލަތުވެސް ބެއްލެވި ކަމަށެވެ.

މީގެ އިތުރުން، އެ ރަށްތަކުގައި ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތައްވެސް ބައްލަވާލައްވާ، އެފަދަ ބައެއް މަޝްރޫޢުތަކާއި ގުޅިގެން ހުރި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުގެ ތެރެއިން ޙައްލު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.