ކުޅިވަރު ލާމަރުކަޒީ ކުރަމުގައި، ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއަށް ލަފާ ދިނުމަށް، ކުޅުންތެރިއެއް އަދި ކޯޗެއްގެ އިތުރުން ކުޅިވަރު ޚިދުމަތްތެރިއެއްގެ ގޮތުގައި ފާޙަގަކުރެވޭ މައުރޫފް އަހުމަދު (މާއްޓޭ) އައްޔަންކޮށްފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ މައުރޫފް އައްޔަންކޮށްފައި ވަނީ، ސްޕެޝަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮން ސްޕޯޓްސް ޑީސެންޓްރަލައިޒޭޝަންގެ މަގާމަށް ކަމަށެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ކުޅިވަރުގެ ހައި ޕާފޯމަންސް އެތުލީޓުން ދެނެގަނެ، ބިނާކޮށް، ކުރިއެރުވުމަކީ މި ސަރުކާރުގެ، ޙާއްސަ ގޮތެއްގައި ކުޅިވަރާ ބެހޭ ވުޒާރާއިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ.
"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، މަގާމުގެ މަސްޢޫލިއްޔަތުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ހައި ޕާފޯމަންސް އެތުލީޓުން ބިނާކުރުމުގެ މި މަސައްކަތުގައި، ލާމަރުކަޒީ އުސޫލުން އެކަން ކުރުން ކަމަށެވެ.
މީގެއިތުރުން ކުޅިވަރުގެ އެކިއެކި ކަންކަން ހަމައެކަނި މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މުޅި ރާއްޖެއަށް މި ކަންކަން ފުޅާކޮށް، އަތޮޅު ތެރޭގައި ވެސް ކުޅިވަރު ކުރިއަރުވައި އެތުލީޓުން ބިނާކުރުމުގެ ޕްލޭނެއް ހެދުމުގައި މައުރޫފް އިސް ދައުރެއް އަދާކުރައްވާނެއެވެ.
ދިވެހި ތާރީޚު ދުށް އެންމެ މޮޅު އެއް ގޯލްކީޕަރުގެ ގޮތުގައި ނިސްބަތްކުރެވޭ މައުރޫފް އަކީ ކުޅުންތެރިއެއްގެ އިތުރުން، ކޯޗެއްގެ ގޮތުގައި ވެސް ގިނަ ކާމިޔާބީތަކެއް ހާސިލްކުރައްވާފައިވާ ފަރާތެކެވެ. އެގޮތުން ވިކްޓްރީ ސްޕޯޓްސް ކުލަބާއެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކުރައްވާފައެވެ.
މީގެއިތުރުން އެކި ދާއިރާތަކުން އިސް މަގާމުތަކެއް ވެސް އޭނާ ފުރުއްވާފައިވެއެވެ. އެގޮތުން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑިރެކްޓަރުކަން 2004 ވަނަ އަހަރާއި 2006 ވަނަ އަހަރާ ދެމެދު އޭނާ ފުރުއްވިއެވެ. އެފަހުން އެ ވުޒާރާގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ވެސް ހުންނެވި މައުރޫފް، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ވެސް ހުންނެވިއެވެ.
އެފަހުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓެކްނިކަލް ޑިރެކްޓަރު ކަމުގައި އާއި ޖެނެރަލް ސެކްރެޓަރީގެ ގޮތުގައި އަދި ޤައުމީ ޓީމުގެ މެނޭޖަރުކަމާއި، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓުކަމުގައި އަދި އެފްއޭއެމް އެވޯޑްސް ކޮމިޓީގެ ޗެއާމަންގެ މަގާމުގައި ވެސް މައުރޫފް ހުންނެވިއެވެ.
މައުރޫފް ވަނީ ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސަރޝިޕްގެ ދާއިރާއިން މާސްޓަރސް ހާސިލްކުރައްވާފައެވެ. އަދި ސްޕޮންސަރޝިޕްގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއެއްވެސް ހާސިލްކުރައްވާފައިވެއެވެ.