ޚަބަރު

ގައްދޫ އިން ފޭދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި


  • މި މެޗު ނިމުނީ 2-2 ނަތީޖާއަކުން އެއްވަރުވެގެން

ހަތަރު ރީޖަނަކަށް ރާއްޖެ ބަހާލައިގެން ކުރިއަށްގެންދާ ރީޖަން ލީގުތަކުގެ ސައުތު ލީގުގެ ޒޯން 2 ގެ ފުރަތަމަ މެޗު، ގދ. ގައްދޫ އާއި ސ. ފޭދޫ އެއްވަރުވެގެން ނިމިއްޖެއެވެ.

ގދ. ގައްދޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ. ސައުތު ރީޖަން ލީގުގެ ޒޯން 2 ގައި ހިމެނެނީ މި ދެ ޓީމުގެ އިތުރުން ގދ. ހޯންޑެއްދޫއެވެ.

ލީގުގެ ދެވަނަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު، ކޯޗު މުޙައްމަދު ނަޒީހުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ގދ. ގައްދޫ ނުކުންނާނީ ހޯންޑެއްދޫއާ ދެކޮޅަށެވެ. އަދި ޒޯންގެ ފަހު މެޗުގައި ސ. ފޭދޫ އާއި ގދ. ހޯންޑެއްދޫ ބައްދަލުކުރާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

މި ތިން މެޗަށްފަހު، އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމު، ޒޯންގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ މި މަހުގެ 29 ވަނަ ދުވަހު ހަވީރު، ގްރޫޕްގެ އެއްވަނައަށްދާ ޓީމެއްގެ ދަނޑުގައެވެ.