ތަރައްްޤީ

އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ޚާއްޞަ ޖަސްލާ ބާއްވަވައިފި


މިއަހަރުގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ޖަސްލާ ސަރުކާރުން ބާއްވަވާފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގައެވެ.

މިދުވަސް ފާހަގަކުރުމަށްޓަކައި ބ.ތުޅާދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، ދުވަހާގުޅޭ ގޮތުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، ޒެނީޝާ ޝަހީދް ޒަކީ ދެއްކެވި ވާހަކަފުޅުގައި އުމުރުން ދުވަސްވީ މީހުންނަށް އަޅާލާ، އޯގާތެރި އަދި ރައްކާތެރި ވެއްޓެއް ބިނާކުރުމާއި، ދޮށީއުމުރުގެ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކޮށް، އެމީހުންނަށް މިނިވަންކަމާއި އުފާވެރިކަމާއެކު އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި މަޤްޞަދުގައި، އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ޚިދުމަތްތަކާއި ވަސީލަތްތައް ޤާއިމްކޮށްދީ، އެކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތައް ފަށާފައިވާކަމަށާއި، ދޮށީއުމުރުގެ މީހުންގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތްތައްވެސް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށާއި މުޖުތަމަޢުގައި އެމީހުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރުމުގެގޮތުން މިނިސްޓަރ ވަނީ "އަގުވަޒަންކުރުން" މިނަމުގައި ޚާއްސަ ސޯޝަލް މީޑިއާ ކެމްޕެއިންއެއް އިފްތިތާޙްކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މި ކެމްޕެއިނަކީ، ރަށު ފެންވަރާއި އަތޮޅު ފެންވަރާއި ޤައުމީ ފެންވަރުގައި އުމުރުންދުވަސްވީ މީހުން ކޮށްދެއްވާފައިވާ މަސައްކަތްތަކާއި އަދި މިހާރުވެސް ކުރަމުންގެންދާ މަސައްކަތްތަކާއި ޚިދުމަތްތައް ފާހަގަކުރުމުގެ ރޫހު އާލާކޮށް، އަގުވަޒަންކުރުމަށް ފެއްޓެވި ކެންޕޭނެއް ކަމަށް ވިދާޅުވެފައެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމާއި، ޚާއްސަ ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް މިދުވަހާއި ގުޅިގެން ބ.އަތޮޅު ތުޅާދޫ، ގޮއިދޫ، ފުޅަދޫ، ފެހެންދޫ އަދި ހިތާދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ބައިނަލްއަޤްވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަހަކީ، އުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކުރުމަށާއި އެމީހުންނަށް ކުރިމަތިވާ އެކި ކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ. ގެ އާންމު މަޖިލީހުން ފާސްކުރައްވާ، 1991 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި ފާހަގަކުރަމުންދާ ދުވަހެކެވެ. މިއަހަރުގެ މިދުވަސް ޚާއްސަކޮށްފައިވަނީ، އުމުރުން ދުވަސްވީ މީހުންނާމެދު ސްޓީރިއޯ ޓައިޕްކުރުމާއި، އުމުރާ ގުޅޭގޮތުން ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް ކަމަށް ޖެންޑަރ މިނިސްޓްރީ އިން ވިދާޅުވިއެވެ.