ޚަބަރު

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިރޭ ފަށަނީ


ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިރޭ ފަށްޓަވާނެއެވެ. މިއީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބާއްވަވާ 31 ވަނަ ފަހަރެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ، މިއަހަރުގެ މުބާރާތުގައި 183 ބައިވެރިން ކިޔެވުމަށް ހަމަޖެހިފައިވެއެވެ. މިއީ އަންހެން، ފިރިހެން ދެ ޖިންސުގެ މީހުންނަށް އަމާޒުކުރައްވައިގެން ވަކިވަކިން މުބާރާތް ބާއްވަވާ ފުރަތަމަ ފަހަރެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ޢުމުރުފުރާއެއް ކަނޑައަޅުއްވާފައި ނުވެއެވެ. މި މުބާރާތުގައި ޢާންމުކޮށް އެންމެންނަށް ބައިވެރިވެވޭނެ ގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. މިމުބާރާތް ބޭއްވެވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ކެންޑިޑޭޓުން ބައިވެރިކުރައްވާފައިވަނީ އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، އިސްލާމް ދީނަށް ޚިދުމަތްކުރާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް މެދުވެރިކޮށެވެ. އަދި މިއަހަރުގެ މުބާރާތުގައި އަތޮޅުތަކުން ބައިވެރިވާ ކެންޑިޑޭޓުންގެ ދަތުރުގެ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސަވައިދެއްވާ ގޮތަށް ވަނީ ނިންމަވާފައެވެ.

މިއަހަރުގެ މުބާރާތްވެސް ބައްސަވާލައްވާފައިވަނީ ދެ ބަޔަކަށެވެ. އޭގެތެރޭގައި ހިމެނެނީ ހިތުން ކިޔެވުމުގެ ބަޔާއި ބަލައިގެން ކިޔެވުމުގެ ބައެވެ. ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބޭއްވެވުމުގެ މައިގަނޑު މަޤްޞަދަކީ، ކީރިތި ޤުރުއާނާމެދު ޢާންމުންގެ ހިތުގައި ލޯބިޖައްސުވައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކުރައްވައި، އިސްލާމީ ވަޙްދަތު ދިރުވައި ކުރިއެރުއްވުމެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަވަމުން ގެންދަވާ މުބާރާތެކެވެ.