ކުޅިވަރު

ސިޓީ އާއި އާސެނަލް ވެސް ސީޒަނުގެ ގަދަ ހިފުމަށް ތައްޔާރު


އިނގިރޭސި ޕްރެމިއާ ލީގުގައި ޓޭބަލުގެ ކުރީގައިވާ އާސެނަލް އާއި މެންޗެސްޓާ ސިޓީ ގަދަ ހިފުމަށް ފުރިހަމަ ތައްޔާރުވެފައިވާ ކަމަށް ދެ ޓީމުން ވެސް ބުފެނި އެވެ.

މި މެޗަށް ނުކުންނައިރު އާސެނަލް އެއްވަނާގައިވަނީ 70 ޕޮއިންޓާއެކުގަ އެވެ. ސިޓީ ދެ ވަނާގައިވަނީ 64 ޕޮއިންޓާއެކުގަ އެވެ. ނަމަވެސް އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާތީވެ މި މެޗު ކާމިޔާބުކޮށްގެން ގޮސް އާސެނަލްއާ ހަމަހަމަ ކުރުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ.

ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިއީ ބޮޑު ފައިނަލެއް ކަމަށެވެ.

"މި މެޗުން ބަލިވެއްޖެނަމަ ތަށި ހޯދުމުގެ ރޭސް ނިމުނީ. އެހެންވީމާ މި މެޗު ކާމިޔާބު ކުރަން ޖެހޭނެ. މިއީ ވަރަށް މުހިންމު މެޗެއް. އަހަރުމެން މި މެޗު ކާމިޔާބު ކޮށްފިނަމަ ޔަގީނުން ވެސް އެއްވަނައާ ގާތަށް ދެވޭނެ. މިސާލަކަށް ބަލާ ޗެމްޕިއަންސް ކުއާޓާ ފައިނަލުގައި ފުރަތަމަ މެޗު ކާމިޔާބު ކޮށްފިނަމަ ދެ ވަނަ މެޗަށް ދާއިރު ސެމީއާ ގާތަށް ދެވިފައި އޮންނާނީ. މިހެންވީމާ މިއީ ވަރަށް މުހިންމު މެޗެއް،" ސިޓީ އަށ1 10 އަހަރުން ޕްރެމިއާ ލީގު ހަ ފަހަރު ކާމިޔާބު ކޮށްދިން ކޯޗު ބުންޏެވެ.

ގާޑިއޯލާ ބުނީ އިނގިރޭސި ކަރަބޯ ކަޕުގައި ފައިނަލުގައި އާސެނަލް އަތުން ސިޓީ މޮޅުވި ނަމަވެސް މި މެޗަކީ މުޅިން ތަފާތު މެޗަކަށްވާނެ ކަމަށެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވެސް ބުނީ މިއީ މާގިނަ ވާހަކަ ނުދައްކައި ނަތީޖާ ނެރެންވީ ވަގުތު ކަމަށެވެ.

"އަހަރުމެން މާގިނަ ވާހަކަ ދައްކާކަށް ނެތިން. އެހެން މެޗުތަކަށް ތއްޔާރުވާ ފަދައިން އަހަރުމެން މިވަނީ މި މެޗަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި. މި މެޗު ކާމިޔާބު ކޮށްފިނަމަ ތަށި ހޯދުމުގެ ރޭހުގައި އަހަރުމެން ބާކީ އޮތް ފަސް މެޗަށް ނުކުންނާނީ ވަރަށް ހިތްހަމަ ޖެހިގެން،" އާޓެޓާ ބުންޏެވެ.

އޭނާ ބުނީ ސިޓީގެ ދަނޑުގައި މި މެޗު ކުޅޭއިރު އެއީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި ސިޓީގެ ގާޑިއޯލާގެ ތަޖުރިބާ އާއި މޮޅުވުމުގެ ރޫހަކީ އާސެނަލްގެ ކުޅުންތެރިން ފަރުވާތެރިވާން ޖެހޭނެ ކަމެއް ކަމަށެވެ.

ނަމަވެސް ގާޑިއޯލާ ވަނީ މި ސީޒަނުގެ އާސެނަލް ޓީމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.