ޚަބަރު

ލޮރެންޒޯއާއި ޖޭޖޭ ސްޕޯޓްސް ފެށީ މޮޅަކުން


  • ބީޖީ އަތުން ލޮރެންޒޯ މޮޅުވީ 0-2 އިން

  • އެލްޓީ އަތުން ޖޭޖޭ މޮޅުވީ 0-3 އިން

އައު ފޯމެޓަކާއެކު ފެށި މާލޭ ރީޖަންގެ ދެވަނަ ޑިވިޝަން ލީގުގައި ލޮރެންޒޯ ސްޕޯޓްސް ޖޭޖޭ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެއްޖެއެވެ.

މުބާރާތުގައި ލޮރެންޒޯއިން ފުރަތަމަ މެޗު ކުޅެން ޖެހުނީ ބީޖީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މި މެޗުން ލޮރެންޒޯ މޮޅުވީ 0-2 އިންނެވެ.

ޖޭޖޭ ސްޕޯޓްސް އިން ފުރަތަމަ މެޗުގައި ނުކުތީ އެލްޓީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މި މެޗު ފަސޭހަކަމާއެކު 0-3 އިން ކާމިޔާބުކުރީ ޖޭޖޭ ސްޕޯޓްސް ކުލަބެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ލެގޫން ސްޕޯޓްސް ކުލަބާއި ދަ ގްރާންޑޭ ބައްދަލުކުރިއިރު މި މެޗުން 0-2 އިން މޮޅުވީ ދަ ގްރާންޑޭއެވެ. ހަމަ އެ ދުވަހު ކްލަބް ޕީކޭއާއި ބިސްބުރު ސްޕޯޓްސް ކުލަބު ބައްދަލުކުރިއިރު މި މެޗުން 4-5 އިން މޮޅުވީ ބިސްބުރު ސްޕޯޓްސް ކުލަބެވެ.

ޖުލްމަ 12 ޓީމާ އެކު މާލޭ ލީގުގެ ނަމުގައި ދެވަނަ ޑިވިޝަން ކުރިއަށް ގެންދާއިރު، މުބާރާތް ކުރިއަށް ގެންދާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިފައިވާއިރު، ފަހު ބުރު ބާއްވާނީ ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ހިމަނައިގެން ލީގު އުސޫލުންނެވެ.

ގުރޫޕް 1 ގައި ހިމެނެނީ ބިސް ބުރު ސްޕޯޓްސް ކްލަބް، ލެގޫންސް ސްޕޯޓްސް ކްލަބް، ޖޭޖޭ ސްޕޯޓްސް ކްލަބް، އެލްޓީ ސްޕޯޓްސް ކްލަބް، ޑަ ގްރާންޑޭ އަދި ކްލަބް ޕީކޭއެވެ.

ގުރޫޕް 2 ގައި ހިމެނެނީ ޓެންޓް ސްޕޯޓްސް ކްލަބް، ބީޖީ ސްޕޯޓްސް ކްލަބް، ކްލަބް ޓީނޭޖް، މަހިބަދޫ ސްޕޯޓްސް ކްލަބް، ލޮރެންޒޯ ސްޕޯޓްސް ކްލަބް، އަދި ޔުނައިޓެޑް ހެންވޭރިއަންސް އެވެ.

މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންދާނީ އަންނަ މަހުގެ ހައެއްގެ ނިޔަލަށެވެ.

އެ އަށް ފަހު ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމުގެ މެދުގައި ލީގު ބުރު ކުރިއަށް ގެންދާނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ. މި ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ އިރު، ޕްރިމިއާ ލީގު ޕްލޭއޮފްގައި ވާދަ ކުރުމުގެ ފުރުސަތު ވެސް އެ ޓީމަށް ލިބޭނެއެވެ.