އޭބީސީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޭބީސީއައިޑީ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "މީޑިއާ އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ދިވެހިރާއްޖެ ހިމެނޭހެން އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މީޑިއާ ދާއިރާގެ އިސްވެރިންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އެގްޒެކެޓިވް ޑިރެކްޓަރ އޮފް ނިއުސް އެންޑް ކަރަންޓް އެފެއާޒް، ޙުސައިން އަމީން ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ. ދިވެހިރާއްޖޭގެ އިތުރުން ޓިމޯރ-ލެސްޓޭ، ޕަޕުއާ ނިއު ގިނީ، ފިޖީ، ވަނުއާޓޫ، ޓުވާލޫ، ނިއުއޭ، ސޮލޮމަން އައިލެންޑްސް އަދި ޕަލާއޫގެ މީޑިއާ ދާއިރާގެ އިސް ބޭފުޅުން މި ތަމްރީނުގައި ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ރާއްޖޭގެ މީޑިއާއެއްކަމަށްވާ މޯލްޑިވްސް އިންޑިޕެންޑެންޓްގެ އެޑިޓަރ އިން ޗީފް އަހްމަދު ނާއިޝްވެސް މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އޮސްޓްރޭލިއާގެ ބިޒްނަސް ސްކޫލެއް ކަމަށްވާ ޔުނިވަރސިޓީ އޮފް ނިއު ސައުތު ވޭލްސްގެ "އޮސްޓްރޭލިއަން ގްރެޖުއޭޓް ސްކޫލް އޮފް މެނޭޖްމަންޓް"އާ ގުޅިގެން ހިންގި މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މީޑިއާ ދާއިރާގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ހިންގުމުގެ ހުނަރާއި ލީޑަރޝިޕް ޤާބިލުކަން އިތުރުކުރުމެވެ.
މި ޕްރޮގްރާމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ހުސައިން އަމީން ފާހަގަކުރެއްވީ މިއީ ކުރިއަރަމުން އަންނަ މީޑިއާގެ ދާއިރާއަށް ދިމާވަމުން އަންނަ އެކި ކަހަލަ ގޮންޖެހުތަކުގައި އަމަލުކުރާނެ ގޮތްތައް ދަސްވެގެންދިޔަ ބޭނުންތެރި ތަމްރީނު ޕްރޮގްރާމެއްކަމަށެވެ.
މި ޕްރޮގްރާމުގެ ތެރެއިން، އޮސްޓްރޭލިއާގައި ކުރިއަށްގެންދިޔަ ދެ ރެސިޑެންޝަލް ޕްރޮގްރާމް ހިމެނޭހެން، ތަރުތީބުކުރެވިފައިވާ އުނގަންނައިދިނުމުގެ ސެޝަންތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށާއި، މީޑިއާ މެނޭޖްމަންޓްގެ އުސޫލުތައް ހަރުދަނާކުރުމުގެ އިތުރުން، ދެމެހެއްޓެނިވި އަދި ކުރިއަރާފައިވާ މީޑިއާ މުއައްސަސާތަކެއް ބިނާކުރުމަށް ބޭނުންވާ އިސްތިރާތީޖީ އުކުޅުތައް ދަސްކޮށްދިނުމުގެ މައްޗަށެވެ.
މި ޕްރޮގްރާމްގެ ތެރެއިން، މީޑިއާ ދާއިރާއަށް ކުރިމަތިވަމުންދާ އައު ގޮންޖެހުންތަކާ ގުޅޭގޮތުން ބައިވެރިން މަޝްވަރާކޮށްފައިވެއެވެ. މީގެ ތެރޭގައި ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުވުމާއި، ބެލުންތެރިންނާއި އަޑުއެހުންތެރިންގެ ޝައުޤުވެރިކަން އިތުރުކުރުމާއި، އަދި މާލީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މުއައްސަސާތައް ހިންގުމާ ގުޅޭ މުހިންމު ކަންތައްތައް ހިމެނެއެވެ. މިއީ ތަފާތު އެކި ސަގާފަތްތަކާއި ފަންނުތައް ހިމެނޭ މީޑިއާގެ އިސްވެރިންގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.
ރަސްމީ ތަމްރީނުތަކުގެ އިތުރުން، މި ސަރަޙައްދުގެ އެކި ޤައުމުތަކުގެ މީޑިއާ މުއައްސަސާތަކުގެ މެދުގައި ގުޅުންތައް ބަދަހިކުރުމަށާއި، އެކަކު އަނެކެއްގެ ކިބައިން އުނގެނުމުގެ ފުރުޞަތު މި ޕްރޮގްރާމްގެ ސަބަބުން ފަހިވެގެންދިޔައެވެ.
އޭބީސީއައިޑީން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމަކީ އިންޑޯ-ޕެސިފިކް ސަރަޙައްދުގައި މިނިވަން، ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު މީޑިއާ މުއައްސަސާތަކެއް ބިނާކުރުމަށް އެ އިދާރާއިން ކުރަމުންދާ ފުޅާ މަސައްކަތްތަކުގެ ބައެކެވެ.
މި ޕްރޮގްރާމް ނިންމާލާފައިވަނީ އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ދެވަނަ ރެސިޑެންޝަލް ބައި ނިމުމާއި ގުޅިގެން ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތަކުންނެވެ. މިއާއެކު 2026 ވަނަ އަހަރުގެ ބެޗުގެ ތަމްރީނުތައް ވަނީ ކާމިޔާބުކަމާއެކު ނިމިފައެވެ.