މުނިފޫހިފިލުވުން

އައިޑަލް ސީޒަން 2 ގެ ޖަޖުންނާއި ޕްރެޒެންޓަރުން އިޢުލާންކޮށްފި


މޯލްޑިވިއަން އައިޑަލް ސީޒަން 2 ރަސްމީކޮށް ލޯންޗްކޮށްފިއެވެ. 

އައިޑަލް ސީޒަން 2 ރަސްމީކޮށް ލޯންޗްކޮށްދެއްވީ އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ހަފްލާގައި، ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ޗެއަރމަން އިބްރާހީމް ޢުމަރު މަނިކެވެ.

އައިޑަލް ސީޒަން 2 ރަސްމީކޮށް ލޯންޗްކޮށްދެއްވުމަށްފަހު، ޕީއެސްއެމްގެ ޗެއަރމަން އިބްރާހިމް އުމަރު މަނިކް ދެއްކެވި ވާހަކަފުޅުގައި ސީޒަން 1 ގެ ކާމިޔާބީ ފާހަގަކޮށް، ސީޒަން 2 އެއަށްވުރެ ކާމިޔާބުވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ހަފްލާގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ދެއްކެވި ވާހަކަފުޅުގައި އަންނަ އަހަރު ޕީއެސްއެމްގެ ޗެނަލްތަކަށް އިންޓަރނޭޝަނަލް އިތުރު ފްރެންޗައިޒް ޝޯތަކެއް ގެންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

img:http://s1.psmnews.mv/images/660x400/14753614526564.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ޖަޖުންނާއި ޕްރެޒެންޓަރުންނާއިއެކު

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު އަދި އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގައި ޖަޖުންގެ ގޮތުގައި ފެނިގެންދާ 3 ފަރާތަކީ، ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ވަރަށް ވެސް ކުޅަދާނަ 3 ފަންނާނުންކަމަށްވާ މަރިޔަމް އުނޫޝާ (ކިޑީ)، އިބްރާހިމް ޒައިދު ޢަލީ (ކުޑަ އިއްބެ)އަދި އިސްމާޢިލް އައްފާނެވެ. މީގެ ތެރެއިން އުނޫޝާ އަދި ކުޑަ އިއްބެ ވަނީ މޯލްޑިވިއަން އައިޑަލް ސީޒަން އެކެއްގެގައިވެސް ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވެ، ގިނަ ބެލުންތެރިތަކެއްގެ ލޯބި ހޯދާފައެވެ.

img:http://s2.psmnews.mv/images/660x400/14753615583056.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ޕްރެޒެންޓަރުން

އައިޑަލް ސީޒަން 2 ގެ ފިރިހެންޕްރެޒެންޓަރެއްގެ ގޮތުގައި ފެނިގެންދާނީ ސީޒަން އެކެއްގައިވެސް ހަރަކާތްތެރިވި މަޝްހޫރު ޕްރެޒެންޓަރ މޫސާ ވަސީމެވެ. އަދި އަންހެން ޕްރެޒެންޓަރެއްގެ ގޮތުގައި ފެނިގެންދާނީ، ދިވެހި މިއުޒިކް އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ކުޅަދާނަ ލަވަކިއުންތެރިޔާ އައިމިނަތު ލަމްހާ ލަތީފެވެ. މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެޖަޖުންނާއި ޕްރެޒެންޓަރުން ހޮވާފައިވަނީ ޕީ.އެސް.އެމުން ހުޅުވާލައިގެން ކުރިއަށްގެންދިޔަ އޮޑިޝަންތަކަކަށްފަހު، ފްރެމެންޓަލް މީޑިއާގެ ފަރާތުންނެވެ. 

މޯލްޑިވިއަން އައިޑަލް ސީޒަން 2 ރަސްމީކޮށް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ އޮޑިޝަންތައް މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދުތައްވެސް އިޢުލާންކޮށްފައެވެ. އެގޮތުން އައިޑަލް ސީޒަން ދޭއްގެ އޮޑިޝަންތައް ބޭއްވުމަށް ނިންމާފައިވާ ސަރަޙައްދުތަކަކީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، މާލެ ސިޓީ، ލ.ގަން އަދި ބ.އޭދަފުށީގެ އިތުރުން ހދ.ކުޅުދުއްފުށީގައެވެ.

އައިޑަލްގެ ސީޒަން 2 ގައި ބައިވެރިވުމަށް ކެތްމަދުވެފައި ތިބި ޒުވާނުންނަށް، އޮޑިޝަންތަކުގައި ބައިވެރިވުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޕީ.އެސް.އެމުން އަދިވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން 16 އަހަރާއި، 30 އަހަރާ ދެމެދުގެ ކޮންމެ ފަރާތަކަށްވެސް މި ޝޯވގައި ބައިވެރިވެވޭނެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން MI ޖެއްސެވުމަށްފަހު، ހުސްތަންކޮޅެއް ދޫކުރައްވާފައި، ފުރިހަމަ ނަން، ޢުމުރު، އައި.ޑީ ކާޑު ނަންބަރު އަދި މިހާރު ދިރިއުޅޭ އެޑްރެސްޖެއްސެވުމަށްފަހު 300 އެސް.އެމް.އެސް ކުރަމުން ގެންދެވޭނެއެވެ.

އައިޑަލްގެ ސީޒަން އެކަކަށްވުރެ، ސީޒަން 2 އެތައް ގޮތަކުން ފުރިހަމަ ޝޯވއަކަށް ހެދުމަށް ފްރެމެންޓަލް މީޑިއާގެ ފަންނީ އެހީތެރިކަމާއެކު ޕީ.އެސް.އެމްގެ އައިޑަލް ޕްރޮޖެކްޓް ޓީމުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.