އެފްއޭ ކަޕަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކިހާ ޙާއްސަ މުބާރާތެއް ކަމާއި، އެ މުބާރާތުގެ ތަށި އެ ޓީމަށް މުހިންމުވާކަން އެނގޭކަމަށް އެ ޓީމުގެ ކޯޗު، ސްޕެއިންގެ އަންދްރޭ ފްރެންސެސްކޯ މެނުއެލް ބުނެފިއެވެ.
ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ އެފްއޭ ކަޕުގައި ނިއުއިން ވަނީ މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ނިއުއިން މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދީ ކުއާޓަރ ފައިނަލުގައި އޮޑި ސްޕޯޓްސް ކުލަބު އަދި ސެމީ ފައިނަލުގައި ބްލޫ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ.
މި މުބާރާތް ކާމިޔާބުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު އަންދްރޭ ބުނީ، ބޭނުންވަނީ އަދި އުއްމީދަކީ ވެސް މުބާރާތުގެ ތަށި ނިއުއަށް ހޯދައިދިނުން ކަމަށެވެ. އެފްއޭ ކަޕާއި ނިއުރޭޑިއަންޓާ ގުޅިފައިވާ މިންވަރު ވަރަށް ރަނގަޅަށް އެނގޭކަމަށް ކޯޗު އަންދްރޭ ބުންޏެވެ.
"ބޭނުންވަނީ، އުއްމީދަކީ ވެސް ފައިނަލް މެޗުން މޮޅުވެ ތަށި ނެގުން. އަހަންނަށް އެނގޭ ކުލަބުގެ ތާރީޚު. އަހަންނަށް އެނގޭ ކިހާ މުހިންމުކަން މުޅި ކުލަބަށް ވެސް، ޗެއާމަނަށް ވެސް އަދި މެނޭޖްމަންޓަށް ވެސް އަދި ކުޅުންތެރިންނަށް ވެސް މި މުބާރާތް ކާމިޔާބުކުރުން". ކޯޗު އަންދްރޭ ފްރެންސެސްކޯ ބުންޏެވެ.
މުބާރާތުގެ ފައިނަލުގައި ނިއު ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ސަސްޕެންޝަނުގެ ސަބަބުން ފާއިތުވީ އަހަރުތަކުގައި ނިއުއަށް ފުޓުބޯޅައިގެ އެންމެހާ ހަރަކާތަކުން ދުރުގައި އޮންނަން ޖެހުނުއިރު ނިއުއިން އެންމެފަހުން އެފްއޭ ކަޕުގައި ވާދަކުރީ 2017 ވަނަ އަހަރުއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި އެފަހަރުގެ ފައިނަލުގައި ވެސް ނިއުއިން ނުކުތީ ޓީސީއާ ދެކޮޅަށެވެ. ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކޮށް އެފަހަރު ޗެމްޕިއަންކަން ހޯދީ ނިއުއިންނެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް މި މުބާރާތް މުހިންމުކަން އެނގޭކަމަށް ކޯޗު އަންދްރޭ ބުނިއިރު، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ނިއުރޭޑިއަންޓެވެ. އެ ކުލަބުން ވަނީ ޖުމްލަ 12 ފަހަރަށް މި ތަށި އުފުލާލާފައެވެ. އަދި ދެ ފަހަރަށް މި ތަށި މިލްކުކޮށްފައިވެސް ވެއެވެ.
ފުރަތަމަ ޑިވިޝަނަށް އައިސް މިވީ މުއްދަތުގެ ތެރޭގައި ދިވެހި ލީގުގައި ތިންވަނައަށް ދިޔަ ނިއުއަށް، ޕްރެޒިޑެންޓްސް ކަޕުގައި ފައިނަލަށް ދެވިފައި ނުވެއެވެ. އެހެންކަމުން ދިވެހި ފުޓުބޯޅައިގެ ވެސް އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ނިއުއަށް، ތަށްޓަކާ ނުލައި ސީޒަން ނިންމާނުލުމަށް، އެފްއޭ ކަޕް ފައިނަލުގައި ޓީސީ ބަލިކުރުން މިއޮތީ މަޖުބޫރުވެފައެވެ.