ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިއްމު ކަންތައްތަކެއް ހިންގާދިޔައެވެ. ނިމުނު ހަފުތާގައި ވަނީ ސަރުކާރުގެ އިސް މަޤާމުތަކަށް ބަދަލުތައް ގެންނަވާފައެވެ. (14 އެޕްރީލް) ވަޒީރުންގެ މަޖިލީހުން 10 ވަޒީރަކު އިސްތިއުފާދެއްވީ ނިމުނު ހަފުތާގެ އަންގާރަދުވަހުއެވެ.
އިސްތިއުފާ ދެއްވި ވަޒީރުން:
- ޚާރިޖީ ވަޒީރުގެ މަޤާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލް
- ދިފާޢީ ވަޒީރުގެ މަޤާމުގައި ހުންނެވި މުހައްމަދު ޣައްސާން މައުމޫން
- ސިއްޙީ ވަޒީރުގެ މަޤާމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމް
- އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ޑރ. އައިޝަތު ޝިހާމް
- ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި އާދަމް ޝަރީފް އުމަރު
- ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ޑރ. މަރިޔަމް މާރިޔާ
- ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ވަހީދު
- ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ތޯރިގް އިބްރާހިމް
- މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ޑރ. އަލީ ހައިދަރު
- ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި އާދަމް ނަޞީރު އިބްރާހީމް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް ބަދަލުތަކެއް ގެންނަވާފައިވަނީވެސް ނިމުނު ހަފުތާގެ އަންގާރަދުވަހުއެވެ.
12 ވަޒީރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަގާމަށް އައްޔަނުކުރެއްވި ބޭފުޅުންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުއެވެ. އަދި ވަޒީރުކަމުގެ ފަތްކޮޅު ނުވަތަ ލިޔުން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ކުރިން މަގާމުތަކުގައި ތިއްބެވި ބައެއް ވަޒީރުން އެހެން ވުޒާރާތަކަށް ބަދަލުކޮށް، އަލަށް ބައެއް ބޭފުޅުން ވަޒީރުކަމުގެ މަގާމަށް އައްޔަނުކޮށްފައިވެއެވެ.
އައްޔަނުކުރެއްވި ވަޒީރުން:
- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް- މޫސާ ޒަމީރު. މޫސާ ޒަމީރަކީ، މީގެ ކުރިންވެސް މާލީ ވަޒީރުގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. މޫސާ ޒަމީރު ވަނީ 2023ވަނަ އަހަރު ޚާރިޖީ ވަޒީރު، 2008ވަނަ އަހަރު ފަތުރުވެރިކަމާއި ބެހޭ ވަޒީރު، އަދި 17ވަނަ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައެވެ.
- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ- ޢަލީ އިޙުސާން. މީގެ ކުރިން ދާޚިލީ ވަޒީރުގެ މަޤާމުގައި ހުންނެވި ޢަލީ އިޙުސާނު އައްޔަނުކޮށްފައިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީގެ މަޤާމަށެވެ. މަރުކަޒީ ބޭންކުގެ މެމްބަރުކަން އަދާކުރެއްވި އިޙުސާނަކީ ޤައުމީ ދިފާޢީ ބާރުގައިވެސް އަހަރުތަކެއް ވަންދެން އެކި މަޤާމުތައް ފުރުއްވި ބޭފުޅެކެވެ.
- މިނިސްޓަރ އޮފް ފޮރިން އެފެއާޒް- އިރުތިޝާމް އާދަމް. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް އައްޔަނުކުރެއްވި އިރުތިޝާމް އާދަމަކީ، މީގެ ކުރިން ދިވެހިރާއްޖޭގެ ފަރާތުން އިނގިރޭސި އަދި ފަރަންސޭސިވިލާތައް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރެވެ. 2007ވަނަ އަހަރުން ފެށިގެން ޚާރިޖީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއްއް ކޮށްދެއްވި އިރުތިޝާމަކީ މީގެ ކުރިން ޞިއްޙީ އަދި ކުޅިވަރާއި ބެހޭ ވަޒީރުގެ މަޤާމުވެސް އަދާކުރެއްވި ހީވާގި ކަނބަލެކެވެ.
- މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް- ޑރ. އިސްމާޢީލް ޝަފީޢު. މިނިސްޓަރ އޮފް އެޑިއުކޭޝަނާއި ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވޮލޮޕްމެންޓުގެ މެންޑޭޓު އެއްކޮށްލުމަށްފަހު މި ވުޒާރާގެ ވަޒީރު ކަމަށް އައްޔަނުކުރެއްވި ޑރ. އިސްމާޢީލް ޝަފީޢުއަކީ، ތަޢުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން ތަޢުލީމީ ވުޒާރާގެ އެކި މަޤާމުތައް ފުރުއްވާފައިވާއިރު، އޭނާ ވަނީ އިސްލާމިކް ޔުނިވަރސިޓީގެ ރިސަރޗް އެންޑް ޕަބްލިކޭޝަންސް ސެންޓަރުގެ ޑީންގެ މަޤާމުވެސް ފުރުއްވާފައެވެ.
- މިނިސްޓަރ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރ- ޤީލާ އަލީ. މިނިސްޓަރ އޮފް ހެލްތު ފެމިލީ އެންޑް ވެލްފެއަރ ޤީލާ އަލީއަކީ، ލަންޑަން ސްކޫލް އޮފް ހައިޖިން އަދި ޓްރޮޕިކަލް މެޑިސިންއިން މާސްޓަރސް ހާސިލްކުރައްވާފައިވާ ކަނބަލެކެވެ. އަދި ޞިއްޙީ ވުޒާރާގެ އެކި މަގާމުތައް ފުރުއްވާފައިވާއިރު އޭނާ ވަނީ އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުވެސް ފުރުއްވާފައެވެ. ޞިއްޙީ ވުޒާރާގެ އިތުރުން ގީލާ ވަނީ، ޚާރިޖީ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުން ފެށިގެން އެކި ގައުމުތަކުގެ ސަފީރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.
- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް- މުޙައްމަދު ސަޢީދު. މިހާރުވެސް އިޤްތިޞާދީ ވަޒީރުގެ މަޤާމު އަދާކުރައްވަމުންދާ ވަޒީރު މުޙައްމަދު ސަޢީދު ވަނީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑަށް އައްޔަނު ކުރައްވާފައެވެ. ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ދާއިރާއިން މާސްޓަރޒް ހާސިލްކޮށްފައިވާ ސަޢީދަކީ، މި ދާއިރާގައި 15 އަހަރުގެ ތަޖުރިބާ ލިބިފައި ހުރި ބޭފުޅެކެވެ. މީގެ އިތުރުން 2013ވަނަ އަހަރުވެސް ސަޢީދު ވަނީ އިޤްތިޞާދީ ވަޒީރު ކަމުގެ މަޤާމު އަދި އޭގެ ކުރިން ރައްޔިތުންގެ މަޖިލީިހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑައުމަންޓްސް- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. މިހާރުވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރުކަމުގައި ހުންނެވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީ މެލޭޝިއާއިން ޑޮކްޓަރއިން ފިލޯސޮފީން ޑޮކްޓޮރޭޓް ހާސިލްކޮށްފައިވާ ބޭފުޅެކެވެ. އަދި 2012ވަނަ އަހަރުވެސް އޭނާ ވަނީ، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރުގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުން ޝަހީމަކީ، އިސްލާމީ ދުނިޔޭގައި އެންމެ ނުފޫޒުުގަދަ 500 ޝަހްސިއްޔަތުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
- މިނިސްޓަރ އޮފް ޓުރިޒަމް އެންޑް ސިވިލް އެވިއޭޝަން- މުޙައްމަދު އަމީން. ކެޕްޓަން އަމީންގެ ނަމުން ނމަޝްހޫރު މުޙައްމަދު އަމީން އައްޔަން ކުރައްވާފައިވަނީ މިނިސްޓަރ އޮފް ޓުރިޒަމް އެންޑް ސިވިލް އެވިއޭޝަން ކަމަށެވެ. އޭވިއޭޝަން ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވާފައިވާ އަމީން ވަނީ ވޭތެދިޔަ އަހަރުތަކުގައި މި ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
- މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް- ޢަބްދުﷲ ރާފިޢު. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް ޢަބްދުﷲ ރާފިޢުއަކީ، އިންޑިއަން އިންސްޓިޓިއުޓް އޮފް ފިސިކަލް މެޑިސިންގައި ސްޕޯޓްސް ފިސިއޮތެރަޕީ އަދި ފިޝިއަންގެ ދާއިރާއިން ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާފިޢުވަނީ ސްޕޯޓްސް ކައުންސިލް މެމްބަރުކަންވެސް އަދާކުރައްވާފައެވެ.
- މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް- ހީނާ ވަލީދު. އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ، މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ކަމަށް އައްޔަނުކުރައްވާފައެވެ. އަދި މީޑިއާގެ ދާއިރާއަށް އެތައް އަހަރުތަކެއް ވަންދެން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހީނާއަކީ ރައީސް އޮފީހުގެ ތަރުޖަމާނުވެސް މެއެވެ.
މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް- ޢަބްދުﷲ މުއްޠަލިބް. މުއްޠަލިބަކީ، ޔޫސީއެލްއިން ސިވިލް އިންޖިނިއަރިން ދާއިރާއިން މާސްޓާސް އަދި ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ ކުރިން މި ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރެއްވި މުއްޠަލިބަކީ އިންޖިނިއަރިން ދާއިރާގައި އެތައް އަހަރުތަކެއް ވަންދެން އެކިއެކި މަޤާމުތައް ފުރުއްވި ބޭފުޅެކެވެ.
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ- ޢަލީ ޝަރީފް. ޢަލީ ޝަރީފަކީ، ފްލިންޑާސް ޔުނިވަރސިޓީން މީޓިއޮރޮލިޖީ ދާއިރާއިން ބެޗެލާސް ޑިގްރީ އަދި ޔުނިވަރސީޓީ އޮފް ކޭންޓަބަރީއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޝަރީފަކީ، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖުގެ މަޤާމު އަދާކުރެއްވި ބޭފުޅެއްވެސް މެއެވެ. އަދި އޭނާ ވަނީ، މީގެ ކުރިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑިރެކްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.
(15 އެޕްރީލް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ކަމަށް އަޙްމަދު ޝިޔާމް ޢައްޔަންކުރައްވާފައިވަނީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، ޙަސަން ރަޝީދު ޢައްޔަންކުރައްވާފައިވަނީވެސް ހަމަ އެދުވަހުއެވެ.
(15 އެޕްރީލް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަވާފައިވަނީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. އެގޮތުން، ބައެއް ވުޒާރާތައް އުވައިލައްވައި، މުޅީން އަލަށް ވުޒާރާއެއް އުފައްދަވައި، ބައެއް ވުޒާރާތަކުގެ ނަން ބަދަލުކުރައްވައި، ބައެއް އިދާރާތަކުގެ ބެލެނިވެރިކަން ބަދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ބަދަލުތައް ވަނީ އާންމުކޮށް އިޢުލާންކުރައްވާފައެވެ.
(15 އެޕްރީލް) ސަރުކާރުގެ އިސް ތަރުޖަމާނުގެ މަޤާމަށް، މުޙައްމަދު ޙުސައިން ޝަރީފް އައްޔަން ކުރެއްވާފައިވަނީވެސް ބުދަ ދުވަހުއެވެ. ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަންތައް ހަމަޖެއްސާފައިވަނީ ބުދަ ދުވަހުއެވެ. އަދި ދިފާޢީ ވުޒާރާގެ ނަން، ދިފާޢީ އަދި ވަޠަނީ ޚިދުމަތަށް ބަދަލުކުރައްވާފައިވަނީވެސް ހަމަ އެދުވަހުއެވެ.
(16 އެޕްރީލް) ރައްޔިތުންގެ ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްސަ އޮފީހަކާއި ރާއްޖޭގެ ސަރަހައްދުތަކާބެހޭ ކަންކަމާއި މައްސަލަތައް ބެއްލެވުމަށް ޚާއްސަ އޮފީހެއް އުފައްދަވާފައިވަނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އަދި މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް ގެންނެވީވެސް އެދުވަހުއެވެ.
ނިމުނު ހަފުތާގައި ސަރުކާރު ކުންފުނިތަކަށްވެސް ބައެއް ބަދަލުތައްވަނީ ގެންނަވާއެވެ.(12 އެޕްރީލް) އެގޮތުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ފަހުމީ އައްޔަން ކުރެއްވާފައިވާއެވެ. އެ މަޤާމުގައި ހުންނެވި މަތީން އިސްތިއުފާދެއްވާފައިވާއިރު، މިފްކޯގެ ސީއީއޯ ފަރުހަތުވެސް ވަނީ ނިމުނު ހަފުތާގެތެރޭގައި އިސްތިޢުފާ ދެއްވާފައެވެ.
(12 އެޕްރީލް) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. މިގޮތަށް ހުކުމްކޮށްފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
(14 އެޕްރީލް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާފައިވަނީ ނިމުނު ހަފުތާގު ހޯމަ ދުވަހުއެވެ. މަޖިލީހުގެ ޤަވާއިދުގެ ދަށުން ކޮންމެ އަހަރަކުވެސް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން އެ ރިޔާސީ ބަޔާނުގެ ޖަވާބު އެއިރެއްގައި މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ޕާލަމަންޓްރީ ލީޑަރު ދެއްވަންޖެހެއެވެ. އެގޮތުން، މިވަގުތު މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕީއެންސީގެ މެންބަރުންގެ އިތުރުން އެންމެ ގިނަ މެންބަރުން ނިސްބަތްވަނީ އެމްޑީޕީއަށެވެ.
(11 އޭޕްރީލް) އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ އިޢުލާންކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބުގެ ވޯޓުލުން މިމަހުގެ 4 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެދުވަހު 3 ވޯޓެއް ކުރިއަށް ގެންދިޔައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ.
(13 އެޕްރީލް) ސުޕްރީމް ކޯޓުގެ ހުކުމާއެކު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަ ހޯމަ ދުވަހުއެވެ. އިލެކްޝަަންސް ކޮމިޝަނުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން، ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ޙުކުމްކޮށްފައިވާތީ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2026 ޖޫން 06 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. މިއާއެކު އެ ދާއިރާއަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާ ކަމަށްވެސް ވިދާޅުވިއެވެ.
(13 އެޕްރީލް) ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ކުރިން މި މުއްދަތު ހަމަވާނެކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ކަނޑައަޅާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ކުރުމާ ބެހޭ ވުޒާރާއިން މިހާރު ވަނީ އެ މުއްދަތު އަންނަ މަހުގެ 31ގެ ނިޔަލަށް އިތުރުކޮށްދީފައެވެ.
(14 އެޕްރީލް) ސުނާމީ ބިނާ މައިޒާން ތަރައްޤީކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކުރީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. ވަރަށް ބޮޑަށް ވިރާނާވެފައިވަނިކޮށް، ބޮޑެތި ބަދަލުތަކާއެކު ސުނާމީ ބިނާ މަރާމާތުކޮށް އަލުން ތަރައްޤީކުރުމުގެ މަސައްކަތް ފެށީ ފެބުރުވަރީމަހުގެ ތެރޭގައެވެ. ސުނާމީ ބިނާ ހުރި ސަރަޙައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ އެސަރަޙައްދުގެ 75 މީޓަރުގެ ޝީޓް ޕައިލްވެސް ވަނީ އައު ކޮށްފައވެ. އަދި އެ ސަރަޙައްދުގެ ކީވޯލް މަރާމާތުކޮށް، ރައްކާތެރިކަމުގެ ގޮތުން ފެންސްވެސް ވަނީ ޖަހާފައެވެ. މި ޕާކަކީ ކުޑަކުދިން ގޮވައިގެން ގޮސް އުޅޭ ސަރަޙައްދެކެވެ.
(12 އޭޕްރީލް) މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވި ޚަބަރު ލިބުނީ އާދީއްތަ ދުވަހުއެވެ. ނިޔާވީއިރު އުމުރަކީ 92 އަހަރެވެ.
މެޔަށް ޖެހުނު އިންފެކްޝަނަކާއި ވަރުބަލިކަމުގެ ސަބަބުން، މުމްބާއީގެ ބްރީޗް ކޭންޑީ ޕްރައިވެޓް ހޮސްޕިޓަލުގައި އާޝާ އެޑްމިޓްކޮށްފައިވަނީ 11 އޭޕްރީލް، ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އޭނާ އަވަހާރަވީ ހިތް ހުއްޓުމާއި ފުއްޕާމޭގެ ބަލިތަކާ ގުޅިގެން ކުރިމަތިވި ސިއްޙީ މައްސަލަތަކެއްގައެވެ.