ކުޅިވަރު

ޕީއެސްޖީ މެޗުގެ ކުރިން ސްލޮޓް: އަހަރެންގެ ކޯޗުކަމުގައި ލިވަޕޫލް އާއްމުކޮށް ދެ ގޯލު ޖަހާ


ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ލިވަޕޫލް މާޒީން ހިތްވަރު ހޯދަން ފަށައިފި އެވެ.

މި މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު އާނޭ ސްލޮޓް ބުނީ ޕީއެސްޖީގެ ދަނޑުގައި 2-0އިން ބަލިވެފައި އޮތަސް މި މެޗަކީ މޮޅަށް ކުޅެފިނަމަ ދެ ގޯލު ޖަހައި ކުރި ހޯދިދާނެ މެޗެއް ކަމަށެވެ.

"އަހަރެންގެ ކޯޗުކަމުގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ކުޅުނު 49 މެޗުގެ ތެރެއިން 36 މެޗުގައި ވަނީ ދެ ގޯލު ޖަހާފައި. އެހެންވީމާ މި މެޗުގައި ވެސް އެކަން ކުރެވިދާނެ. އަހަރެންނަށް ވެސް އެނގެ މިހުރިހާ މެޗެއްގައި އިދިކޮޅަށް ކުޅުނީ ޕީއެސްޖީ ނޫންކަން. އެކަމަކު ވެސް މިއީ އަހަރުމެންނަށް ކުރެވިދާނެ ކަމެއް. އެކަމަށް ބޭނުންވަނީ ވަރަށް ތަފާތު ކުޅުމެއް،" ސްލޮޓް ބުންޏެވެ.

ކާމިޔާބު ކަމާއެކު ހުސްވި ސީޒަނުގެ ޕްރެމިއާ ލީގު ހޯދި ނަމަވެސް މި ސީޒަނުގައި ލިވަޕޫލަށް މިހާރު ތައްޓެއް ހޯދެން އޮތް ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. މި ތަށި ނުލިބިއްޖެނަމަ ސްލޮޓަށް މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުކަން ގެއްލުން ގާތެވެ.

"އަހަރުމެން މި މެޗަށް ނުކުންނާނީ ކުރީ މެޗުގައި ދިމާވި ކަންކަން ރަނގަޅު ކޮށްގެން. އަހަރުމެން ޓީމުގައި ފެންވަރު އެބަހުރި. އަހަރުމެންނަށް މޮޅު ނުވެވެންވީ އެއްވެސް ސަބަބެއް ނެތް. ނަމަވެސް އަހަރެންނަށް ވެސް އެނގޭ އިދިކޮޅުގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ޓީމުކަން. އެހެންވީމާ އަހަރުމެން ތަފާތު ކުޅުމެއް ދައްކަން ޖެހެނީ،" ސްލޮޓް ބުންޏެވެ.

ޕީއެސްޖީގެ ދަނޑުގައި ލިވަޕޫލަށް ގޯލާ އަމާޒުކޮށް ނުރައްކާތެރި ގޮތަކަށް އެންމެ ބޯޅައެއް ވެސް ފޮނުވާނުލެވުނެވެ. މިހެންވެ އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނީ އޭނާގެ ޓީމު އެ މެޗުގައި ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ.

"މި މެޗުގައި ވެސް އަހަރުމެން ފަށާނީ އެ ފޯރިއާއި އަޒުމާއެކު. އަހަރުމެން އެ މެޗުގައި ދެއްކީ ވަރަށް މޮޅު ކުޅުމެއް. ހުރިހާ ކުޅުންތެރިންނަށް އަހަރެން މަރިހަބާ ކިޔަން އެ މެޗުގައި ދެއްކި ޕާފޯމަންސަށްޓަކައި. ހަގީގަތުގައި ލިވަޕޫލާ ޖެހުނީމާ އަހަރުމެންނަށް ފެވެރިޓުންނަށް ނުވާނެ،" އެންރީކޭ ބުންޏެވެ.