މުނިފޫހިފިލުވުން

އައިޑަލް ސީޒަން 2 ގެ ޖަޖުންނާއި ޕްރެޒެންޓަރުން އިޢުލާން ކުރަނީ


މުނިފޫހިފިލުވުމުގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހުޅުވާލަދިން އެންމެ އަގުހުރި ފުރުޞަތަކަށް ވެފައިވަނީ ޕަބްލިކް ސަރވިސް މީޑިއާއިން ހުޅުވާލި މޯލްޑިވިއަން އައިޑަލްގެ ފުރުޞަތެވެ.

ފުރަތަމަ ފަހަރަށް ފްރެންޗައިޒް އުސޫލުން އިންޓަރނޭޝަނަލް ބްރޭންޑެއްކަމަށްވާ އައިޑަލް، ރާއްޖެއަށް ތަޢާރަފްކޮށް "މޯލްޑިވިއަން އައިޑަލް"ގެ ނަމުގައި ލަވައާއި މިއުކިޒްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވެފައި ތިބި ޒުވާނުންނަށް މުޅިން އާ ޕްލެޓްފޯމެއް ޕީ.އެސް.އެމްއިން ވަނީ ފަހިކޮށްދީފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާ އަގުބޮޑު ރިއަލިޓީ ޝޯވއެއް ޓީވީ ޗެނަލަކުން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރުވެސްމެއެވެ. އަދި މިކަން ވެގެންގޮސްފައިވަނީ، މިކަމުގެ ޢަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން މީހުންނަށް ހީވެފައި އޮތްގޮތް ބަދަލުކޮށްލި އަދި ކާމިޔާބު ނަތީޖާއެއް ފެނިގެން ދިޔަ ޙަރަކާތަކަށެވެ. އަދި މުޅި ޤައުމު އެކަމާ ވާހަކަދެއްކި ހަމަ އެހެންމެ ދިވެހިންގެ ހުނަރުވެރިކަން ބޭރު ދުނިޔެއަށްވެސް ފެނިގެންދިޔަ ޝޯވއަކަށް މޯލްޑިވިއަން އައިޑަލް ސީޒަން އެކެއް ވެގެންދިޔައެވެ.

img:http://s3.psmnews.mv/images/660x400/14589107601112.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑުގެ 4 ވަނަ ޝޯވގެ ތެރެއިން / ފައިލް ފޮޓޯ: ޕީ.އެސް.އެމް

ރާއްޖޭގެ 5 ސަރަޙައްދެއްގައި ކުރިއަށްގެންދިޔަ އޮޑިޝަންތަކުން ހޮވާލެވުނު ކުދިންގެ މެދުގައި ވަރަށްވެސް ވާދަވެރި، އަދި އެހާމެ ފޯރިގަދަކޮށް ކުރިއަށް ގެންދިޔަ ޝޯވތަކަކަށްފަހު، ގްރޭންޑް ފިނާލޭއިން މޯލްޑިވިއަން އައިޑަލް ހޮވައި ސީޒަން އެކެއް ނިންމާލާފައިވާއިރު، މި ޝޯވއިން ލައިޝާ، ޝަލަބީ، އަދި އިޝާން ފަދަ އެތައް ކުޅަދާނަ ފަންނާނުންތަކެއް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް މިވަނީ ނެރެދީފައިއެވެ. އަދި މި ޝޯވއަށް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންގެ އިތުރުން، އެތަކެއް ބެލުންތެރިންނެއްގެ މަޤުބޫލުކަން ވަނީ ލިބިގެންގޮސްފައެވެ. ޓީވީ ޕްރޮޑަކްޝަންގެ ދާއިރާއިން ބެލިކަމުގައިވިޔަސް، ރާއްޖޭގެ ޓީވީ ޗެނަލަކުން ގެނެސްދިން އެންމެ ތަފާތު، އަދި އެންމެ ފެންވަރު ރަނގަޅު އެއް ޝޯވއަށް މޯލްޑިވިއަން އައިޑަލްވާނެއެވެ. ޕީ.އެސް.އެމުން މި ނެގި އިސްނެގުމާއެކު، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރާ މީޑިއާއަކަށްވެސް، ކާމިޔާބުކަމާއެކު ވިޔަފާރި ކުރެވިދާނެކަން މިހާރު މިވަނީ ސާބިތުކޮށްދީފައެވެ.

img:http://s1.psmnews.mv/images/660x400/14570980924497.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑުގެ ފުރަތަމަ ޝޯވގައި ވާދަކުރި ގަދަ 12 ބައިވެރިން / ފައިލް ފޮޓޯ: ޕީ.އެސް.އެމް

ގިނަ ބަޔަކު އައިޑަލްގެ ސީޒަން ދޭއް ލޯންޗް ކުރާނެ ދުވަހަކަށް އިންތިޒާރު ކުރަމުންދާކަމީ، މި ޝޯވއަށް ދިވެހި ޒުވާނުންގެ ފަރާތުން ލިބިގެންދާ ތަރުޙީބު ރަމްޒުކޮށްދޭ އެއް ހެއްކެވެ. ކޮންމެއަކަސް އައިޑަލްގެ ސީޒަން ދޭއްގައި ބައިވެރިވުމަށް ކެތްމަދުވެފައި ތިބި ޒުވާނުންނަށް، އޮޑިޝަންތަކުގައި ބައިވެރިވުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޕީ.އެސް.އެމުން އަދިވެސް މިވަނީ ހުޅުވާލާފައެވެ. އެގޮތުން 16 އަހަރާއި، 30 އަހަރާ ދެމެދުގެ ކޮންމެ ފަރާތަކަށްވެސް މި ޝޯވގައި ބައިވެރިވެވޭނެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން MI ޖެއްސެވުމަށްފަހު، ހުސްތަންކޮޅެއް ދޫކުރައްވާފައި، ފުރިހަމަ ނަން، ޢުމުރު، އައި.ޑީ ކާޑު ނަންބަރު އަދި މިހާރު ދިރިއުޅޭ އެޑްރެސް ޖެއްސެވުމަށްފަހު 300 އެސް.އެމް.އެސް ކުރަމުން ގެންދެވޭނެއެވެ.

img:http://s2.psmnews.mv/images/660x400/14572034268189.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑުގެ 2 ވަނަ ޝޯވގެ ތެރެއިން / ފައިލް ފޮޓޯ: ޕީ.އެސް.އެމް

އައިޑަލްގެ ސީޒަން އެކަކަށްވުރެ، ސީޒަން 2 އެތައް ގޮތަކުން ފުރިހަމަ ޝޯވއަކަށް ހެދުމަށް ފްރެމެންޓަލް މީޑިއާގެ ފަންނީ އެހީތެރިކަމާއެކު ޕީ.އެސް.އެމްގެ އައިޑަލް ޕްރޮޖެކްޓް ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ސީޒަން 2 ގެ ސްޕޮންސަރުންނާއި، ކޯ-ސްޕޮންސަރުންގެ އިތުރުން، ކޯ-ސްޕޮންސަރ ޕްލަސްގެ ގޮތުގައި ރާއްޖޭގެ މަޝްޙޫރު ވިޔަފާރި ކުންފުނިތައް ހަމަޖައްސައި، އެފަރާތްތަކުގެ އެހީތެރިކަމާއެކު، މި ޝޯވ އިތުރަށް ޕްރޮމޯޓްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި މޯލްޑިވިއަން އައިޑަލް ސީޒަން ދޭއް ރަސްމީކޮށް ލޯންޗްކޮށް، ސީޒަން ދޭއްގެ ޖަޖުންނާއި ޕްރެޒެންޓަރުން މާދަމާ ރޭ އިޢުލާންކުރުމަށް މިވަނީ ހަމަޖެހިފައެވެ. އަދި އޮޑިޝަންތައް ބާއްވާނެ ސަރަޙައްދުތަކާއި، ތާރީޙުތައްވެސް އިޢުލާން ކުރެވިގެންދާނެއެވެ.

img:http://s1.psmnews.mv/images/660x400/14600174915387.jpg|މޯލްޑިވިއަން އައިޑަލް - ސީޒަން އެކެއްގެ 3 ޖަޖުން / ފައިލް ފޮޓޯ: ޕީ.އެސް.އެމް

އެހެންކަމުން އައިޑަލް ސީޒަން ދޭއްގައި ބައިވެރިވާން ބޭނުންވެފައި ތިބި ޒުވާނުންނާއި، މި ޝޯވގެ ބެލުންތެރިންނަށްވެސް މާދަމާ ރޭ ވެގެންދާނީ ޚާއްޞަ ރެއަކަށެވެ. ސަބަބަކީ ޖަޖުންނާއި، ޕްރެޒެންޓަރުންގެ ގޮތުގައި ސީޒަން އެކެއްގައި ނުފެންނަށް އާ މުނުތަކެއް، ސީޒަން ދޭއްގައި ފެނުން އެކަށީގެންވެދާނެތީއެވެ. ބެލުންތެރިން ހަމަ ކުޑަ އިންތިޒާރެއް ކޮށްލައްވާށެވެ.