ޚަބަރު

"އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެ"


  • ބަޖެޓަށް ބުރަ ނުވާ ގޮތަށް ދަނީ މަސައްކަތް ކުރަމުން

  • އަމިއްލަ ފަރާތްތަކުން ތެލުގެ 2 ޝިޕްމެންޓް ހަނގުރާމަ ފެށުނު ފަހުން ވަނީ ގެނެސްފައި

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ބޮޑުވިނަމަވެސް އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ވަޒީރުންގެ ކޮމެޓީގެ ބައްދަލުވުގައި ޚާރިޖީ ވަޒީރު ވަނީ ސަރުކާރުން ތެލާއި ގޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ.

މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ހަނގުރާމަ ފެށިގެން އައިރު ސަރުކާރުން ތެލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހެން ސަރަހައްދަކުން ރާއްޖެއަށް ތެޔޮ ލިބޭނެކަން ކަށަވަރު ކުރި ކަމަށެވެ. އެގޮތުން ސިންގަޕޫރުން ރާއްޖެއަށް ތެޔޮ ޝިޕްމެންޓް އާންމުކޮށް ގެންނަ މިންވަރަށް ވުރެ އިތުރަށް ގެނައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

" އެންމެ މުހިންމު ކަމަކީ ތެލުގެ އަގު. އަދިވެސް ކަންބޮޑުވުން އެބައޮތް. ޝެޑިއުލްއާއެކު ޝިޕްމެންޓް އެބައެދޭ. އަޅުގަނޑުމެން މި ހަނގުރާމައިގެ ކަންތައް ބޮޑުވެގެން އައި ދަނޑިވަޅުގައި އެހެން ދިމާލަކުން ތެޔޮ އިތުރަށްވެސް ގެނައިން. ނަމަވެސް މިހާރު މިގެންނަނީ އާންމު ގެންނަ ދިމާލުން. ހަނގުރާމަ ހުއްޓާ ނުލާތީ، އަގަށް ބޮޑު ބަދަލެއް އާންނާނެ ކަމަށް ނުބެލެވޭ. " މާލީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ހަފްތާ ބަނދުގައި ހަނގުރާމަ ހުއްޓާލުމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދިޔައިރު ރާއްޖެއިން އެކަން ގާތުން ބަލަމުން ދިޔަ ކަމަށެވެ. ވަޒީރު ވިދާޅުވީ ހަފްތާ ބަނދުގެ ކުރިން ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ޚަބަރާއެކު ސާފުނުކުރާ ތެލުގެ އަގު ދަށަށް ދިޔަ ކަމަށެވެ. ނަމަވެސް އެބަދަލު ސާފުކުރި ތެލުން ފެނިފައި ނުވުމާއެކު ކުރިއަށް އޮތް ތަނުގައި ކުޑަނަމަވެސް ބަދަލެއް އަންނާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކާމިޔާބު ނުވެ، ނިމިފައިވާތީ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ މިންވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

މިހާލާތާއި ގުޅިގެން ތެލުގެ އަގު އުފުލި ދައުލަތުގެ ބަޖެޓަށް އެކަމުން ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ބައިނަލްއަޤްވާމީ އެކި އިދާރާތަކާއިއެކު މިމަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތެލުގެ އަގު ބޮޑުވެގެން އައިސް ރާއްޖޭގެ އާމްދަނީ ދަށަށް ދާތީ މިއަންނަ ބެލެންސަށް އަޅުގަނޑުމެން މަސައްކަތް ކުރަމޭ. މަލްޓިލެޓްރަލް އޭޖެންސީތަކާއި އެނޫންވެސް ތަންތަނުން އެހީ ލިބެން ހުރި ތަންތަނުން އެހީ ހޯދަމުންދަނީ. އެހެންވީމަ ދަތިކަމެއް މިވަގުތަށް ދަންނަވާލަން އޮތީ އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ޝެޑިއުލްގައި އޮތްގޮތަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ." މާލީ ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވަނީ ރާއްޖެއަށް އެތެރެކުރާ ހުރިހާ، ތެލަކީ އެސްޓީއޯ މެދުވެރިކޮށް އެތެރެކުރާ ތެޔޮ ނޫންކަން ފާހަގަކުރައްވާފައެވެ. އެހެން ކަމުން ތެލުގެ އަގަށް ބަދަލު ނުގެންނަ ނަމަ އާންމު ވިޔަފާރިއަށް ގެއްލުންވާނެތީ އެކަމަށްވެސް ރިއާޔަތްކޮށް އަގަށް ބަދަލު ގެންނަ ކަމަށެވެ. މިހާރުވެސް ރާއްޖެއަށް ތެޔޮ އިމްޕޯޓް ކުރާ އެހެން ކުންފުނިތަކުން ހަނގުރާމަ ފެށުނު ފަހުން، ތެލުގެ އިތުރު ދެ ޝިޕްމެންޓް ގެނެސްފައިވާކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. އެހެން ކަމުން މިމަސައްކަތް ދެމެހެއްޓެނި ގޮތަކަށް އެސްޓީއޯއަށް ބުރަ ބޮޑު ނުވާނެހެން ކުރެވޭކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.