ވިޔަފާރި

"ބީއެމްއެލް އިސްލާމިކް ހެޑްކުއާޓާޒް" ހުޅުވައިފި


ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން އިސްލާމިކް ބޭންކިން އަށް ހާއްސަ ބްރާންޗެއް މިރޭ ހުޅުވައިފިއެވެ.

ކުރިން ބީއެމްއެލް ބާޒާރު ބްރާންޗް ހިންގި ސީޓްރެކްސް ބިލްޑިންގްގައި ހުޅުވި މި ބްރާންޗް ހުޅުއްވައިދެއްވީ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރ މުހައްމަދު ޝަހީމް އަލީ ސައީދެވެ. "ބީއެމްއެލް އިސްލާމިކް ހެޑްކުއާޓާޒް"ގެ ނަމުގައި ހުޅުވި މި ބްރާންޗުން އަންނަ ހޯމަ ދުވަހުން ފެށިގެން ޚިދުމަތް ދޭން ފަށާނެކަމަށް އެބޭންކުން މަޢުލޫމާތުދެއެވެ.

"ބީއެމްއެލް އިސްލާމިކް ހެޑްކުއާޓާޒް" ހުޅުވުމުގެ ރަސްމިއްޔާތުގައި، ބީއެމްއެލް އިސްލާމިކްގެ ފުރަތަމަ ފައިނޭންސިންގ ޕްރޮޑަކްޓްތައް އޮކްޓޫބަރު މަހު ތަޢާރަފްކުރުމަށް ނިންމާފައިވާކަންވެސް ވަނީ އިޢުލާންކޮށްފައެވެ.

ބީއެމްއެލް އިސްލާމިކް އިން ފުރަތަމަ ތަޢާރަފްކުރުމަށް ނިންމާފައިވާ ފައިނޭންސިންގ ޕްރޮޑަކްޓްތަކަކީ ގެދޮރު ގަތުމަށާއި ގެދޮރު ޢިމާރާތްކުރުމަށް ދޫކުރާ ފައިނޭންސިންގ ދެ ޕްރޮޑަކްޓެކެވެ. މި ޕްރޮޑަކްޓްތައް ތަޢާރަފްކުރެވިގެން ދިޔުމާއެކު އިސްލާމިކް ބޭންކިންގ އާ އެއްގޮތަށް ފައިނޭންސް ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުޞަތު ލިބިގެން ދާނެކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.

މިރޭ ތައާރަފް ކޮށްފައިވާ ފައިނެންސިންގ ޕްރޮޑަކްޓްތަކަކީ، އަލަށް ގެދޮރު ގަންނަން ބޭނުންވާ މީހުންނަށް އަމާޒުކޮށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ "ބީއެމްއެލް އިސްލާމިކް ހޯމް ޕާރޗޭސް" އާއި، ގެދޮރު ހެދުމަށް ނުވަތަ މަރާމަތްކުރުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް އަމިއްލަ ފަރުދުންނަށާއި އާއިލާތަކަށް ދޫކުރާ "ބީއެމްއެލް އިސްލާމިކް ހޯމް ކޮންސްޓްރަކްޝަން"އެވެ.

މި ދެ ޕްރޮޑަކްޓްވެސް ބޭންކުން ދޫކުރާނީ ވާދަވެރި ފައިނޭންސިންގ ރޭޓެއްގައިކަމަށްވެސް ބީއެމްއެލްއިން ހާމަކުރެއެވެ.