ޚަބަރު

މަޝްވަރާތައް ނާކާމިޔާބު ކަމަށް ބުނެ އެމެރިކާގެ ވަފުދު ފުރައިފި


21 ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކަށް ފަހު، އީރާނާއެކު އެމެރިކާއިން ބާއްވަމުން ދިޔަ ވާހަކަތަކުގައި އެއްވެސް އެއްބަސްވުމަކާ ހަމައަށް އާދެވިފައިނުވާ ކަމުގައި ބުނެ، އެމެރިކާ ވަފުދު އިސްލާމްއާބާދުން ފުރައިފިއެވެ. ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމަ މެދުކަނޑައިލައި، ޕާކިސްތާނުގައި ސުލްޙައިގެ މަޝްވަރާތައް ފަށާފައި ވަނީ އެޕްރީލު 11 ވަނަ ދުވަހުއެވެ.

ނަމަވެސް، މަޝްވަރާތައް ނާކާމިޔާބުވެފައިވާ ކަމަށް ބުނެ، އެމެރިކާގެ ވަފުދުން ފުރުމާއެކު، ހުޅަނގު އޭޝިޔާ ސަރަޙައްދުގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް އޮތް ހަނި އުންމީދު ފަނޑުވެ، ޙަމަލާ ބަދަލުކުރުން ދެ ހަފުތާއަށް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމާމެދު ވަނީ ސުވާލު އުފެދިފައެވެ. ދެ ފަރާތުން އެ އެއްބަސްވުން އިޢުލާނުކޮށްފައި ވަނީ އެޕްރީލު 7 ވަނަ ދުވަހުއެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، މަޝްވަރާތައް ހުއްޓުމަކަށް އައީ ނިއުކްލިޔަރ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދިނުމަށް އީރާނުން އިޢުތިރާޒު ކުރުމުން ކަމަށެވެ. ނަމަވެސް، އީރާނުން ބުނީ އެމެރިކާއިން ދައްކަމުން ގޮސްފައި ވަނީ ބޮޑާ ޝަރުޠުތަކެއް ކަމުގައެވެ. އިސްލާމްއާބާދުގައި ބާއްވާފައިވާ ވާހަކަތަކަކީ، 1979 ވަނަ އަހަރުގެ އީރާންގެ އިސްލާމީ އިންޤިލާބަށްފަހު ދެ ޤައުމުގެ މެދުގައި މިހާތަނަށް ބާއްވާފައިވާ އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ.

ހަނގުރާމަ ފެށުމާއެކު، ޔަހޫދީންނާއި އެމެރިކާގެ އުޅަނދުފަހަރަށް އީރާނުން ބަންދުކޮށްފައި އޮތް ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަކީ މަޝްވަރާގެ މައިގަނޑު އެއް ޝަރުޠެވެ. މީގެ އިތުރުން، އެމެރިކާއިން ފްރީޒްކޮށް ނުވަތަ ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުމާއި، ހުރްމުޒްގެ ފުރިހަމަ ކޮންޓުރޯލު އީރާންގެ އަތްމައްޗަށް ދޫކޮށްލުމަށް ތެހްރާނުން ވަނީ ޝަރުޠުކޮށްފައެވެ. މީގެ އިތުރުން، ލުބްނާންގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ވެސް އީރާނުން ދިޔައީ ބާރުއަޅަމުންނެވެ. ނަމަވެސް، ސުލްޙައިގެ މަޝްވަރާތައް ފޭލުކޮށްލުމުގެ ހީލަތްތެރި ނިޔަތުގައި ލުބްނާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތައް ޔަހޫދީން ހުއްޓައިލާފައެއް ނުވެއެވެ.

މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވާފައި ވަނީ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފީއާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ. ވޭންސްގެ އިތުރުން އެމެރިކާގެ ވަފުދުގައި ހިމެނިވަޑައިގަންނަވާފައި ވަނީ ހުޅަނގު އޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓީވް ވިޓްކޮފާއި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނަރއެވެ. މަޝްވަރާތަކަށް ދެން ހިޔަނިއެޅިގެން ދިޔަ މައިގަނޑު ސަބަބަކީ، ދެ ފަރާތުގެ ދެމެދުގައި އިތުބާރު ނެތުން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އެމެރިކާއާއި ޞަހްޔޫނީން އިސްވެ ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުންއަރައި، ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.