ކައުންސިލް އިންތިޚާބުގެ ދ.މީދޫ ރައީސްގެ މަޤާމުގެ ވޯޓު އަލުން ގުނުމާއެކު ކައުންސިލްގެ ރައީސްގެ މަޤާމަށް އެމްޑީއޭގެ ކެންޑިޑޭޓު 127 ވޯޓާއެކު އިންތިޚާބުވެއްޖެއެވެ.
ދ.މީދޫގައި ބެހެއްޓި 2 ނަމްބަރު ވޯޓު ފޮށި އަލުން ގުނާފައިވަނީ އެވޯޓު ފޮއްޓާއި ގުޅޭގޮތުން އިލެކްޝަންސްގެ ކޮމްޕްލަޔަންސް ބިއުރޯއަށް ލިބިފައިވާ ޝަކުވާއަކާއި ގުޅިގެން އެބިއުރޯއިން ބެލިބެލުމުން އަލުން ވޯޓު ގުނަންޖެހޭކަމަށް އެބިއުރޯއަށް ފެންނާތީއެވެ.
މިމަހުގެ 4 ވަނަ ދުވަހު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ގުޅިގެންވަނީ ޝަކުވާ ހުށައެޅުމަށް ޚާއްސަ ކޮމްޕްލަޔަންސް ބިއުރޯއެއް އުފައްދާފައެވެ. ދ.މީދޫގައި ބެހެއްޓިފައިވާ 2 ނަމްބަރު ވޯޓު ފޮށީގެ ވޯޓުވަނީ އެއްވަރުވުމާއި ގުޅިގެން ކޮމްޕްލަޔަންސް ބިއުރޯއަށްވަނީ ޝަކުވާ ހުށައަޅާފައެވެ. މިމައްސަލައާއި ގުޅިގެން ކޮމްޕްލަޔަންސް ބިއުރޯއިން ވޯޓު އަލުން ގުނުމަށް އެންގުމާއި ގުޅިގެން އިލެކްޝަންސްއިންވަނީ އަލުން ވޯޓު ގުނާފައެވެ.
ދ. މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް 3 ފަރާތަކުންވަނީ ވާދަކޮށްފައެވެ. ޕީއެންސީއިން ސުހާ އިބްރާހީމާއި، އެމްޑީއޭއިން މުޙައްމަދު ޝާހިދާއި، އަމިއްލަ ގޮތުން އިބްރާހީމް ނަސީމެވެ.
މީދޫ 2 ނަމްބަރު ވޯޓު ފޮށި އަލުން ގުނުމުންވަނީ ލޯކަލް ކައުންސިލްގެ ރައީސްގެ މަޤާމަށް 127 ވޯޓާއެކު އެމްޑީއޭގެ ކެނޑިޑޭޓް އިންތިޚާބުވެފައެވެ. ޕީއެންސީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 114 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓަށް ލިބިފައިވަނީ 36 ވޯޓެވެ. މިވޯޓު ފޮއްޓަށް ލާފައިވާ 17 ވޯޓުވަނީ ބާޠިލްވެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަޖީތާ ދައްކާގޮތުން ދ.މީދޫގެ ކައުންސިލްގެ ރައީސްގެ މަޤާމަށް ވާދަކުރި ޕީއެންސީގެ ކެނޑިޑޭޓަށް ލިބިފައިވަނީ ޖުމްލަ 391 ވޯޓޭވެ. އެމްޑީއޭގެ ކެނޑިޑޭޓަށް ލިބިފައިވަނީ ޖުމްލަ 392 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓަށް ލިބިފައިވަނީ ޖުމްލަ 100 ވޯޓެވެ.
މިމަހުގެ 4 ވަނަ ދުވަހު ކުރިއަށްގެންދިޔަ 3 އިންތިޚާބުގެ ދާއިމީ ނަތީޖާ ހޮނިހިރު ދުވަހު ޢިއުލާންކުރުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ދާއިމީ ނަތީޖާ ޢިއުލާންކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިފަހަރު އިންތިޚާބަކީ ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަމީހުން ވޯޓުލި އިންތިޚާބު ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 294،876 މީހުންނަށް ލިބިގެންދިޔައެވެ. އޭގެ ތެރެއިން %73 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.