ޚަބަރު

ސޯޝަލް ގުޑް ސަމިޓްގެ މިއަހަރުގެ ސަމިޓް ރާއްޖޭގައި ބާއްވައިފި


އދ.ގެ ތަރައްޤީއާ ބެހޭ ޖަމްޢިއްޔާ، ޔޫ.އެން.ޑީ.ޕީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ސޯޝަލް ގުޑް ސަމިޓްގެ މިއަހަރުގެ ސަމިޓް، މިއަދު ރާއްޖޭގައި ބާއްވައިފިއެވެ.

މިއަހަރުގެ ސަމިޓްތައް މިދިޔަ ހަފްތާއިން ފެށިގެން، ދުނިޔޭގެ އެކިކަންކޮޅުތަކުގައިދަނީ ބާއްވަމުންނެވެ. މި އަހަރުގެ ސަމިޓްގެ މައިގަނޑު މަޤްޞަދަކީ، ޒުވާނުންގެ މެދުގައި، ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، އުފެއްދުންތެރި ޚިޔާލުތައް ތަރައްޤީކުރުވުމާއި، އާ ކަންތައްތައް އީޖާދު ކުރުމަށް ހިތްވަރު ދިނުމެވެ. ޚާއްސަކޮށް މުޖުތަމަޢުގައި ހުރި މައްސަލަތައް ދެނެގަނެ، އެފަދަ މައްސަލަތައް ޙައްލުކުރުމަށް ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބާރުއެޅުމަކީ މި ސަމިޓްގައި އެއް މަޤްޞަދެވެ.

ރާއްޖޭގައި މިފަހަރުވެސް ސަމިޓް ކުރިއަށްގެންގޮސްފައިވަނީ ޕެނަލް ޑިސްކަޝަނެއްގެ ގޮތުގައެވެ. ސަމިޓްގެ ބައިވެރިންވަނީ ރާއްޖޭގައި މިހާރު ހުރި މައްސަލަތައް ޙައްލުކުރުމުގައި ސޯޝަލް މީޑިއާގެ ވަޞީލާތްތަކަށް އަދާކުރެވިދާނެ ދައުރާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށްފައެވެ. އެގޮތުން ގެވެށި އަނިޔާއާއި، ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމާއި، ފުރައްސާރަ ކުރުމުގެ ޢަމަލުތައް ޙިއްސާކުރުމަށް ސޯޝަލް މީޑިޔާގެ ޕްލެޓްފޯމްތައް ބޭނުން ކުރެވޭނެ ގޮތްތަކާއި، އެކަމުގެ ސަބަބުން ލިބިގެންދާނެ ފައިދާތަކާއި، އަދި ހުރި ގޮންޖެހުންތަކުގެ މައްޗަށް މަޝްވަރާކޮށްފައިވެއެވެ.

މިއަހަރުގެ ސަމިޓުންވެސް އުފެއްދުންތެރި ޚިޔާލުތަކެއް ޒުވާނުންނަށް ލިބިގެންދާނެ ކަމަށާއި، ސަމިޓްގައި ދެކެވުނު ވާހަކަތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނާ ހަމައަށް ގެންދަވާނެ ކަމަށް ޔޫ.އެން.ޑީ.ޕީގެ އެސިސްޓެންޓް ރެޒިޑެންޓް ކޯރޑިނޭޓާރ ނަޝީދު ޠާހާ ވިދާޅުވިއެވެ.

ޔޫ.އެން.ޑީ.ޕީން ކުރިއަށް ގެންދާ ސޯޝަލް ގުޑް ސަމިޓަކީ، ދުނިޔޭގެ ލީޑަރުން ބަލައިގެންފައިވާ މަޤްބޫލް ސަމިޓެކެވެ. އަދި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި، އެހެންވެސް ފަރާތްތައް ބައިވެރިވެރިވާ ސަމިޓެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.