ތިމާވެށި

ރަތްމުރަކަ ނެގި ފާރްތަކާމެދު ފިޔަވަޅު އަޅަނީ


ޢާންމު ފަރާތަކުން ގެންގުޅުނު ގިނަ އަދަދެއްގެ ރަތްމުރަކަ އަތުލައިގަނެ އެންވަޔަރަމަންޓަ ޕްރޮޓެކްޝަން އެޖެންސީގެ ބެލުމުގެ ދަށަށް ގެންދަވައިފިއެވެ.

މިތަކެތި އީޕީއޭގެ ބެލުމުގެ ދަށަށް ގެންދެވީ ޢާންމު ފަރާތަކުން ބޮޑުރަސްގެފާނު މަގުގައި އޮންނަ ގޯޅިއެއްގައި ގިނަ އަދަދެއްގެ ރަތްމުރަކަ ގެންގުޅެމުންދާކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމާ ގުޅިގެން، އީޕީއޭއާއި ފިޝަރީޒް މިނިސްޓްރީއާއި މެރިންރިސަރޗް ސެންޓަރުގެ އޮފިޝަލުން ވަޑައިގެން، އެ ގޯޅި ތެރެ ބެއްލެވުމަށްފަހުގައެވެ. މިތަނުން ފުޅިމަދު ފޮށީގެ އަށްފޮށީގައި ހުރި 42 ރަތްމުރަކަ ފެނިފައިވެއެވެ. މިތަކެތި ހުރީ އަވީގައި ހިއްކަން ބަހައްޓާފައި ހުރިކަމަށް އީޕޭއޭއިން ވިދާޅުވެއެވެ.

ރަތްމުރަކައަކީ ދިވެހި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއްކަމަށްވާ ކޮންވެސްޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އޮން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައިނާ އެންޑް ފްލޯރާ " ސައިޓީސް" ގެ ދަށުން ވިޔަފާރިގޮތުގައި ބޭނުންކުރުމާއި އެކްސްޕޯޓް އިމްޕޯޓް މަނާއެއްޗެއްގެ ގޮތުގައި ލިސްޓްކުރެވިފައިވާ ބާވަތެއްގެ މުރަކައެކެވެ.

img:http://s2.psmnews.mv/images/660x400/14751686529901.jpg|އަވީގައި ހިއްކަން ބަހައްޓާފައި ހުއްޓާ ފެނުނު ރަތް މުރަކަތައް- ފޮޓޯ: ޕީއެސްއެމް

މިތަކެތި ކަމާބެހޭ ފަރާތްތަކުގެ ބެއްލެވުމުގެ ދަށަށް ގެންދެވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ އާދަމް ޒިޔާދު ވިދާޅުވީ މިތަކެތި ނަގާފައިވަނީ ވިޔާފާރިގެ ބޭނުމުގައި ކަމަށް ބެލެވޭކަމަށާއި، މިތަކެތި ނަގާފައިވަނީ ހއ. އަތޮޅުން ކަމަށް މިހާތަނަށް ލިބިވަޑައިގެންނެވި މަޢުލޫމާތުން ބެލެވޭކަމަށެވެ.

ޒިޔާދު ވިދާޅުވީ މިތަކެތި ޢާންމުކޮށް ފެންނަން ހުންނަނީ ކަނޑުގައި ވެލި ޖަމާނުވާ ނުވަތަ މަދުން ވެލި އުފެދޭ ޒާތުގެ މާޙައުލުގައިކަމަށެވެ. މި މުރަކަ ޢާންމުކޮށް ހެދެނީ 10 މީޓަރާއި 5000 މީޓަރުގެ އަޑީގައިކަމަށާއި، މި މުރަކައަކީ ގަހަނާއާއި ތަންތަން ޒީނާތްތެރިކުރުމަށް ބޭނުންކުރާ މުރަކައެއްކަމަށެވެ. ޒިޔާދު ވިދާޅުވީ މި މައްސަލަ ފުލުހުން ތަޙްޤީޤުކުރައްވަމުން ގެންދަވާކަމަށާއި، މިތަކެތި ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި ނައްތާލައްވާނެކަމަށެވެ. އަދި މި މައްސަލައާ ގުޅުން ހުރި ފަރާތްތައް ހޯއްދަވައި އަދަބު ދެވޭނަކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.