ޚަބަރު

ޙައްޤު ފަރާތްތަކަށް ސަބްސިޑީ، އެނޫން ފަރާތްތަކަށް ހަމައަގު!


ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ލިބެންޖެހޭ ފަރާތްތަކަށް ފައިސާގެ ގޮތުގައި ސަބްސިޑީ ހަމަޖައްސަވާގޮތަށް އަދި އެ ނޫން ފަރާތްތަކަށް ކާޑުގެ ސްބްސިޑީ ނުލިބޭގޮތަށް ހައްދަވައި، ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދޫކުރައްވާ އުޞޫލްތަކަށް ބަދަލުގެންނަވައިފިއެވެ. އަދި މިނިންމެވުމާއެކު ބާޒާރުން ކާޑުގެ ބާވަތްތައް ގަންނަން ލިބޭ އަގުތަކަށް ސަރުކާރުން ވަނީ ބަދަލުތަކެއް ގެންނަވާފައެވެ. މިގެންނެވި ބަދަލުތަކަށް ޢަމަލުކުރައްވަން ފެއްޓެވުމަށް ހަމަޖެހިފައިވަނީ މިފެށޭ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވެއެވެ.

ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ދިވެހިރާއްޖެއިން އެބާވަތްތައް ގަންނަ ކޮންމެ މީހަކަށް ލިބޭގޮތަށް އޮތުމުގެ ބަދަލުގައި ސަބްސިޑީލިބެންޖެހޭ މީހުންނަށް ފައިސާ ލިބޭގޮތަށް އަދި އެ ނޫން މީހުންނަށް ހަމަ އަގުގައިކާޑްގެ ބާވަތްތައް ލިބޭގޮތަޑށް ސަބްސިޑީ ދޫކުރައްވާ އުޞޫލްތަކަށް ސަރުކާރުންގެންނެވި ބަދަލުތަކާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤު ވިދާޅުވީ، ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދޫކުރައްވާ އުޞޫލްތައް އަލުން މުރާޖަޢާކުރައްވައި އެ އުޞޫލްތަކަށް ބަދަލުތަކެއް ގެންނެވުމަށް ސަރުކާރުން ނިންމެވި އެންމެ ބޮޑު ބޭނުމަކީވެސް، ކާޑުގެ ބާވަތްތަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ކުރައްވާ ޚަރަދުގެ މަންފާ އޭގެ އެންމެ ޙައްޤުވެރި ފަރާތްތަކަށް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކަމަށެވެ. އަދި ކާޑުގެ ބާވަތްތަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ޚަރަދުކުރައްވާ މިންވަރުގެ ނާޖާއިޒް ފައިދާ ހޯދަމުންދާ ފަރާތްތަކަށް އެފުރުޞަތު ނުދެއްވުމަށްކަމަށެވެ. އަދި މިގޮތަށް ނިންމެވީ ކަމާބެހޭ ފަންނީ ބޭފުޅުންގެ ލަފަޔާއި، އިރުޝާދު ހޯއްދެވުމަށްފަހު ކަމަށްވެސް ތައުފީޤު ވިދާޅުވިއެވެ. މިބަދަލުތަކާއެކު، ބާޒާރުގައި ކާޑުގެ ބާވަތްތައް މިވަގުތު ލިބެން ހުރި އަގުތަކަށް ބަދަލުތަކެއް ގެންނެވުމަށްވެސް ނިންމަވާފައިވާ ކަމަށާއި، މިބަދަލުތަކަކަށް ޢަމަލުކުރައްވަން ފަށްޓަވާނީ މި ފެށޭ އޮކްޓޯބަރު މަހު އެކެއްގައި ކަމަށް ތައުފީޤު ވިދާޅުވިއެވެ.

"ވަރަށް  ބޮޑު ދިރާސާތަކެއް ކުރުމަށްފަހު މިގޮތަށް މި ނިންމީ. ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާތަކުގައި ހަރަކާތްތެރިވަމުން އެބަދޭ. އަދި ރާއްޖޭގެ އާބާދީއަށްވުރެއް ގިނަ ޢަދަދެއްގެ ބިދޭސީން އެކިއެކި ބޭނުންތަކަށް ރާއްޖެ އެބައާދޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ހަމަ އެފަރާތްތަކަށްވެސް ދިވެހިންނަށް ނޫނިއްޔާމު މި ސަބްސިޑީޒް ހައްޤުވާ ފަރާތްތަކަށް އެލިބޭ ރޭޓްތަކުގައި އެފަރާތްކަށްވެސް ކާޑުގެ ބާވަތްތައް ފޯރުކޮށްމިދެވެނީ. އެހެންވީމަ ސަބްސިޑީޒްއަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެކަމަށް ހައްޤުވާ ފަރާތްތަކަށް، ނުވަތަ ޓާގެޓް ގްރޫޕްތަކަކަށް ކަނޑައެޅިފައިވާ އެއްޗެއް. އެހެންވީމަ ސިސްޓަމެޓިކް އުޞޫލަކުން ސަބްސިޑީޒްދޭނެ މެކޭނިޒަމްއެއް އަޅުގަނޑުމެން މިޤާއިމުކުރީ" ޑެޕިއުޓީ މިނިސްޓަރ ތަޢުފީޤު ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14751611948632.jpg|ކާޑުގެ ބާވަތްތަކުގެ އަގަށް ގެނެވުނު ބަދަލު

ކާޑުގެ ބާވަތްތަކަށް ސަރުކާރުން ސަބްސިޑީ ދޫކުރައްވާ އުޞޫލްތަކަށް ގެންނެވި ބަދަލާއެކު ބާޒާރުގައި ހަނޑޫ، ހަކުރު އަދި ފުށް ވިއްކަވާ އަގުތަކަށް ބަދަލު އަންނާނެއެވެ. އެގޮތުން 3.98ރ ލިބެންހުރި ހަނޑޫ ކިލޯއެއް ދެން ވިއްކާނީ 7.96ރ އަށެވެ. ފުށް ކިލޯއެއް މިހާރު 2.98ރ އަށް ލިބެން ހުރިއިރު، މިގެނެވުނު ބަދަލާއެކު ފުށް ކިލޯއެއް ދެން ބާޒާރުގައި ލިބެން ހުންނާނީ، 5.96ރ އަށެވެ. އަދި 4 ރުފިޔާއަށް ވިއްކަވަމުން އައި ހަކުރު ކިލޯއެއް ދެން ލިބެން ހުންނާނީ 8 ރުފިޔާއަށެވެ.

ތައުފީޤު ވިދާޅުވީ، މިބަދަލުތަކާއެކުވެސް، ކުރިއެކޭ އެއްގޮތަށް ނޭޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ފަރާތްކަށް ކޮންމެ ބޮލަކަށް ޖެހޭ ރޭޓުން، ނުވަތަ ގޭބިސީއަކަށްޖެހޭ ރޭޓުން ސަބްސިޑީއަށްވާ ފައިސާ ދައުލަތުން އެފަރާތްތަކުގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްދެއްވަމުން ގެންދަވާނެކަމަށެވެ.

"އެންސްޕާއަށް ހަމަ ފޯމް އެޕްލައިކުރައްވައިގެން، ބޮލަކަށް ނޫނިއްޔާމުން ގޭބިސީއަކަށް މަހަކަށް ކަނޑައެޅިފައިވާވަރެއް އެބޭފުޅުންގެ އެކައުންޓަށް ޖަމާކުރެވިގެންދާނެ. ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވޭ ރާއްޖޭގައި ސަބްސިޑީޒް ހައްޤުވާ ފަރާތްތަކަށް ވީހާވެސް ފަސޭހަކަމާއެކު އަދި އެފަރާތްތަކަށް އަޅުގަނޑުމެންގެ ހުރި އެކިއެކި އޭރިއާތަކުން ސަރުކާރުން އެ ފޯރުކޮށްދޭ އެހީތެރިކަން، ދެމެހެއްޓެނެވިގޮތެއްގައި އެފަރާތްކަށް ފޯރުކޮށްދިނުމަށް. އެފަދަ އިންތިޒާމްތައް ހަމަޖައްސަވައި، އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެއްވުމުގެ މަސައްކަތް މިދަނީ ކުރަމުން. ސަބްސިޑީޒް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މިގެނެވުނު ބަދަލުތަކަކީވެސް އެފަރާތްތަކަށް ދެވިގެންދާ އިތުރު ޔަޤީންކަމެއް" ޑެޕިއުޓީ މިނިސްޓަރ ތަޢުފީޤު ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/6282.jpg|އެސްޓީއޯގެ ކާޑު ގުދަނުގައި ހުރި ފުށް ބަސްތާތަކެއް- ފައިލް ފޮޓޯ: ޕީއެސްއެމް

ޒަރޫރީ އަދި އަސާސީ ޚިދުމަތްތަކާއި ކާބޯތަކެތި ވީހާވެސް ހެޔޮއަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ކަމަށްވާ ކާޑުގެ ބާވަތްތައް ހެޔޮއަގެއްގައި ލިބިދެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ބޮޑު ސަބްސިޑީއެއް ދެއްވައިގެން މިބަވާތްތައް ކޮންޓްރޯލް އަގެއްގައި ވިއްކަވަމުންނެވެ.

މިއީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން މެދުކެނޑުމެއް ނެތި ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމެކެވެ. އެގޮތުން އެވެރެޖްކޮށް އަހަރެއްގެ މައްޗަށް 360 މިލިއަން ރުފިޔާއާ ކައިރިކުރާ ޢަދަދަކަށް ފައިސާ ހަމައެކަނި ކާޑުގެ ބާވަތްތަކަށް ސަރުކާރުން ސަބްސިޑީއެއްގެ ގޮތުގައި ޚަރަދުކުރައްވައެވެ. ނަމަވެސް، ސަރުކާރުން މިހާބޮޑު ޚަރަދެއް ކުރައްވައިގެން ދިވެހި ރައްޔިތުންނަށް ހެޔޮއަގެއްގައި ކާޑުގެ ބާވަތްތައް ލިބޭނެ ގޮތް ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ލާބަޔާއި މަންފާ، އޭގެ އެންމެ ޙައްޤުވެރި ފަރާތަށް ނުލިބޭކަމުގެ ޝަކުވާއަކީ ދޭތެރެ ދޭތެރެއިން ޢާއްމުންގެ ފަރާތުން އިވެމުން އަންނަ ޝަކުވާތަކެކެވެ. އެހެންކަމުން މިގެނެވުނު ބަދަލުތަކާއެކު، މިކަމަށް އެދެވޭ ޙައްލެއް ގެނެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.