ސިޔާސީ

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައިފި


ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައިފިއެވެ.

ޖޭޕީން މިގޮތަށް ނިންމީ މިއަދު ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި އަށާރަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބަށް ނެރޭނީ ކޮން ކެނޑިޑޭޓެއްކަމެއް ކައުންސިލުން  ނިންމާފައެއްނުވެއެވެ.

އަންނަ ރިޔާސީ އިންތިޙާނުގައި ބައިވެރިވުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން މިއަދު ނިންމިނަމަވެސް އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ. އައު ޤާނޫނު އަސާސީގެ ދަށުން ބޭއްވި ރިޔާސީ ހުރިހާ އިންތިޚާބެއްގައި ވާދަކުރެއްވި ޤާސިމް އިބްރާހީމަށް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 25 ވަނަދުވަހު ޤާނޫނު އަސާސީއަށް ގެންނެވި އިޞްލާޙާ ގުޅިގެންނެވެ. އެ އިޞްލާޙްގައިވާ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވާދަކުރެވޭނީ ޢުމުރުން 35 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.

ސީޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޢުމުރުން 60 އަހަރުވެފައިވާ މީހުންނަށް ރައީސްކަމަށް ކުރިމަތިނުލެވޭ ގޮތަށް ޤާނޫނޫ އަސާސީއަށް ގެނެސްފައިވާ އިޞްލާޙް ބާޠިލުކޮށް ކުރިން އޮތްގޮތަށް ރުޖޫޢަކުރުމަށް ހުށައަޅާނޭކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ.

ޖުމްހޫރީ ޕާޓީގެ މިއަދުގެ ކައުންސިލް ބައްދަލަވުމުގައި، ސިޔާސީ ޕާޓީގެ މަޝްވަރާތަކުގައި އެޕާޓީ ތަމްސީލުކުރައްވާނެ މެމްބަރުންވެސް ކަނޑައަޅާފައިވެއެވެ. ސިޔާސީ ޕާޓީގެ މަޝްވަރާތަކުގައި ޖޭޕީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިނާއި މަތިވެރީ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދެވެ.