ވިޔަފާރި

ކުރިން ނިންމާފައިވާގޮތަށް ފިއުލް ސަރޗާޖް ނަގަން ނިންމައިފި


ފިއުލް ސަރޗާޖުގެ ގޮތުގައި ކަރަންޓް ޔުނިޓަކުން 4 ލާރި ނަގާގޮތަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއިން ނިންމައިފިއެވެ. މިމަހުން ފެށިގެން ސަރޗާޖްގެ ގޮތުގައި ކޮންމެ ކަރަންޓް ޔުނިޓަކުން ހަތަރުލާރި ނަގަން ނިންމީ ޑީސަލް ގަންނަން ލިބޭ އަގު ބޮޑުވުމުންނެވެ.

މިއީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކަރަންޓުގެ އަގަށް ބަދަލު ގެނައި ފަހުން ފިއުލް ސަރޗާޖް، ކަރަންޓް ބިލުގައި ހިމަނާ ފުރަތަމަ ފަހަރެވެ. މި ޗާޖު ހިމަނަން ފަށާނީ އޮކްޓޫބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ސްޓެލްކޯއިން ބުނީ ކޮންމެ ކަރަންޓް ޔުނިޓަކުން 4 ލާރި ނަގަން ނިންމީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8.12ރ އަށް ބޮޑުވުމުން ކަމުގައެވެ. ސްޓެލްކޯއަށް ޑީސަލް ގަންނަން ލިބޭ އަގު ލީޓަރެއް 8 ރުފިޔާއަށްވުރެ ބޮޑުވެއްޖެނަމަ ފިއުލް ސާޗާޖް ނެގުމަކީ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ހުއްދަކުރައްވާފައިވާ ކަމެކެވެ. އަދި މިހެން ދިމާވެއްޖެނަމަ އެކަން ދެމިއޮތް މުއްދަތަށް ފިއުލް ސަރޗާޖް ނަގާނެކަން ވަނީ ކުރިން އިޢުލާންކުރައްވާފައެވެ.

އެ ކުންފުންޏަށް މިއަހަރުގެ ފެބްރުއަރީމަހު ޑީސަލް ލީޓަރެއް ގަންނަން ލިބުނީ 7.5ރ އަށެވެ. އޭޕްރީލްމަހު މިއަގު ވަނީ 7.50ރ އަށްް ބޮޑުވެފައެވެ. އަދި އޭގެ ފަހުން ޖޫންމަހު ތެޔޮ ލީޓަރެއްގެ އަގު ވަނީ 7.97ރަ އަށް ބޮޑުވެފައެވެ.