ޚަބަރު

ލުބުނާނަށް ހަމަލާދޭތީ ހުރްމުޒް ބޭނުންކުރުމުގެ ހުއްދަދިނުން މަޑުޖައްސާލައިފި


ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމެއް ޤާއިމްކުރި ފަހުން ވެސް ޔަހޫދީން ލުބުނާނަށް ޙަމަލާ ދެމުންދާތީ، ހުރުމުޒު ކަނޑުއޮޅިން ތެޔޮ ޓޭންކަރުތަކަށް ދަތުރުނުކުރެވޭނެހެން އީރާނުން އަނެއްކާ އެ މަގު ބަންދުކޮށްފިއެވެ.

އީރާނުން ހުށަހެޅި ޝަރުތުތައް އެމެރިކާއިން ބަލައިގަނެ، ދެ ހަފްތާގެ މުއްދަތަށް ޙަަމަލާ ބަދަލުކުރަން ދެ ފަރާތުން އެއްބަސްވީ އީރާނަށް ދެކޮޅަށް ދެމުންދާ ޢުދުވާނުތައް ވަރުގަދަކޮށް، މުޅި ޤައުމު އެކީގައި ސުންނާފަތިކޮށްލާނެކަމުގެ އިންޒާރާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަނޑި ހަމަވާން ކައިރިވެފައިވަނިކޮށެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށުމާއެކު އީރާނުން ވަނީ ދެ ތެޔޮ ޓޭންކަރަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުޞަތު ދީފައެވެ.

އެއްބަސްވުން އެކުލަވާލުމުގައި މެދުވެރިއެއްގެ ދައުރު ޢަދާކުރި ޕާކިސްތާނުން، އެ އެއްބަސްވުމުގެ ތެރޭގައި ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިލުން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޔަހޫދީން ވަނީ ލުބުނާނަށް ވަރުގަދަ ޙަމަލާތަކެއް ދީ ގިނަ ޢަދަދެއްގެ މީހުން ޝަހީދު
ކޮށްލައިފައެވެ. ލުބުނާނުގެ ބައިބޯ 100އެއްހާ ސަރަޙައްދަށް ދިހަ މިނެޓުގެ ތެރޭގައި ޔަހޫދީން ގިނަ ޙަމަލާތަކެއް ދީފައިވެއެވެ. އެއީ މިިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުަވަހު މެދުއިރުމަތީ ހަނގުރާމަ ފެށުނު ފަހުން ޔަހޫދީން ލުބުނާާނަށް މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ.

ޓްރަމްޕް ވަނީ ޔަހޫދީން ލުބުނާނުގެ ޙިޒްބުاللهއަށް ދެމުންދާ ޙަމަލާތަކަކީ ވަކި ކޯޅުމެއް ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއިން ވެސް ވަނީ ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިލުމަކީ އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ބުނެފައެވެ. ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމުގެ ތެރޭގައި ލުބުނާނު ނުހިމެނުމަކީ އެއްބަސްވުން ދެމެހެއްޓުމަށް ނުރައްކާވާނެ މައްސަލައެކެވެ. ލުބުނާނަށް ޔަހޫދީން ދެމުންދާ ޙަމަލާތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. ޔަހޫދީން ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިނުލާ ނަމަ އީރާނުން އެއްބަސްވުމަށް ޢަމަލު ނުކުރާނެ ކަމަށް ވެސް އީރާނުގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.