ވިޔަފާރި

ސެންޗޫރިއަން ޕްރައިވެޓް ލިމިޓެޑުން ހިއްސާ ވިއްކަން ފަށަނީ


ރާއްޖެއަށް މުދާ އެތެރެކޮށްދީ އެކަމާ ގުޅޭ ލޮޖިސްޓިކް އެންމެހާ ޚިދުމަތްތައް ދޭ، "ސެންޗޫރިއަން ޕްރައިވެޓް ލިމިޓެޑް" ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ރާއްޖޭގެ ޙިއްޞާގެ ބާޒާރުގައި އެ ކުންފުނީގެ ޙިއްޞާ ގަތުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާނެކަން އެ ކުންފުނިން މިއަދު އިޢުލާންކޮށްފިއެވެ.

މި ކުންފުންޏަކީ ރާއްޖޭގެ ޙިއްޞާގެ ބާޒާރުގައި ލިސްޓްކުރާ 7 ވަނަ ކުންފުންޏެވެ. ޝިޕިން އަދި ލޮޖިސްޓިކްގެ މަސައްކަތްތައް ކުރުމަށް 2010 ވަނަ އަހަރު ރަޖިސްޓްރީކުރި މި ކުންފުނިން، ނިންމާފައިވަނީ ކުންފުނީގެ 49 އިންސައްތަ ޙިއްޞާ، ކޮންމެ ޙިއްޞާއެއް 25 ރުފިޔާގެ ރޭޓުން ވިއްކުމަށެވެ. އަދި ޙިއްޞާދާރުންނަށް ލިބޭ ފައިދާ އިތުރުކުރުމުގެ ގޮތުން ކުންފުނީގެ ސާފު ފައިދާގެ 50 އިންސައްތަ ކުންފުނީގެ ޙިއްޞާދާރުންގެ މެދުގައި ބެހުމަށްވެސް އެ ކުންފުނީގެ ޑިވިޑަންޓް ޕޮލިސީގައި ވަނީ ހިމަނާފައެވެ.

މި ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ތިބީ މުޅިންވެސް ދިވެހިންނެވެ. މި ކުންފުނީގެ ޙިއްޞާ ވިއްކާނީ އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން، މި އަހަރުގެ ޑިސެމްބަރު 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެކުންފުނިން ބުނެއެވެ. އަދި ކޮންމެ މީހަކަށްވެސް އެންމެ މަދުވެގެން ގަނެވޭނީ 4 ޙިއްޞާކަމަށް ވަނީ ކަނޑައަޅައިފައެވެ. ކުންފުނީގެ ޙިއްޞާ އޮންލައިންކޮށް އެ ކުންފުނީގެ ވެބްސައިޓުން ގަނެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. ޙިއްޞާގެ ބާޒާރުގައި ގިނައިން ލިސްޓުކޮށްފައި ވަނީ ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި ބޭރުގެ ބޮޑު ޙިއްޞާއެއް އޮންނަ ކުންފުނިތަކެވެ. އޭގެތެރޭގައި ބޭންކް އޮފް މޯލްޑިވްސްއާއި އެމްޓީސީސީއާއި އެސްޓީއޯއާއި އެމްޓީޑީސީއާއި ދިރާގާއި އެޗްޑީސީގެ އިތުރުން އަމާނާތަކަފުލް ފަދަ ކުންފުނިތައް ހިމެނެއެވެ.