ކުޅިވަރު

ބަލިޔަސް، ބަޔާން ބަލި ކުރެވިދާނެ: އާބެލޯއާ


ފުރަތަމަ މެޗުގައި ބަޔާން މިއުނިކް އަތުން 2-1އިން ބަލިވިޔަސް ދެ ވަނަ މެޗުގައި އެ ޓީމު ބަލިކޮށް ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދެވިދާނެ ކަމަށް ރެއާލް މެޑްރިޑުން ބުނެފި އެވެ.

އެ ޓީމުގެ ކޯޗު އަލްވާރޯ އާބެލޯއާ އަމިއްލަ ދަނޑުގައި ބަލިވި މެޗަށް ފަހު ބުނީ ދެ ވަނަ މެޗު ކުޅެން ޖެހެނީ ބަޔާންގެ ދަނޑުގައި ކަމަށްވުމުން އެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ.

"އަހަރުމެން ދެ ވަނަ ހާފުގައި ކުޅުން ވަރަށް ރަނގަޅު ކުރިން. ދެ ވަނަ ގޯލެއް ނުޖެހުނީތީވެ ވަރަށް ދެރަ. މި މެޗުން އެނގިގެންދިޔައީ އަހަރުމެންނަށް އެ މީހުން ބަލިކުރެވިދާނެކަން. އަހަރުމެން އެ މެޗަށް ނުކުންނާނީ މެޗު އުނދަގޫވާނެ ކަން ދަނެގެން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ރޭ ގެ މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އަށް ނުކުރެވުނު ކަމަކީ އަމިއްލަ ދަނޑުގައި ބޯޅައިގެ ކޮންޓްރޯލް ނުހޯދުން ކަމަށެވެ.

"އަހަރުމެންނަށް ބޯޅައިގެ ކޮންޓްރޯލް ނުހޯދުނު. މިހެންވީމާ ފައުލް ކުރެވެން ފެށީ. މީގެ ސަބަބުން އެ މީހުން ގޯލް ޖަހަން ފެށި. އެކަމަކު ދެ ވަނަ ހާފުގައި ކުޅުން ވަރަށް ބޮޑަށް ރަނގަޅުވި. އަހަރުމެން ދެ ވަނަ މެޗަށް ދާން މި ޖެހެނީ އެންމެ ގޯލެއް ފަހަތުގައި އޮވެގެން. މިއީ މާބޮޑު ފަރަގެއް ނޫން. މިއީ އަހަރުމެންނަށް ނަތީޖާ އަނބުރާލެވިދާނެ ފަރަގެއް،" ކޯޗު ބުންޏެވެ.

މި މެޗުގައި އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ކުޅެން ނެރުނީ ފަހު ހާފުގަ އެވެ. އެކަމަކު އޭނާ މޮޅަށް ކުޅުނެވެ. އާބެލޯއާ ބުނީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމުން، ބެލިހަމް މޮޅަށް ކުޅުނަސް ފުރަތަމަ 11އިން ޖާގަ ހައްގު ނޫން ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އޭނާ އަށް ފުރަތަމަ 11އިން ފުރުސަތު ހޯދިދާނެ ކަމަށެވެ.
މި ދެ ޓީމު ބަޔާންގެ ދަނޑުގައި ބައްދަލު ކުރާނީ އަންނަ ހަފުތާގަ އެވެ.