ޚަބަރު

އިންޑޯ ހޭންޑްބޯޅަ ކޯޓުގެ ބޮޑުބައެއް މޭމަހަށް ނިމޭނެ


  • މިހާރު ކުރިޔަށްދަނީ ކޮންކްރިޓްގެ މަސައްކަތް

  • ލަފާކުރަނީ ހިޔާކުރުމާއި މެޓު އެޅުން މޭމަހަށް ނިމޭނެކަމަށް

މާލޭގައި އަޅާ އިންޑޯ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތުގެ ބޮޑު ބައެއް މޭމަަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވެއްޖެއެވެ.

ކޯޓުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުން މުޖުތަބާ ވިދާޅުވީ މިހާރު ކުރިޔަށްދަނީ ކޮންކްރިޓް މަސައްކަތް ކަމަށެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގެ ޕިޗް އިޓްލީގައި ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި މިހާރު އެ ޕިޗު ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

“ލަފާކުރެވެނީ މި މަސް ނިމެންވާއިރަށް ގާތްގަނޑަކަށް ކޮންކްރިޓް ނިންމާލެވޭނެއޭ، އަންނަމަހު ފެށޭތަނަށް ގެގަނޑު އަންނާނެ، މި ގަސްތު ކުރަނީ މޭގެ ފަހުކޮޅާއި ހަަމައަށް އެ ގެގަނޑު އެޅިގެންދާނެ ކަމަށް. ދެން މިތަނުގައި އަޅާ ޕިޗްވެސް އިޓަލީގައި މިހާރު ތައްޔާރުކޮށްފަ އޭތި ފޮނުވުމުގެ މަސައްކަތް އެބަ ކުރިޔަށްދޭ“ މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ ބައެއް ކަންކަން ނުނިމި ދިގުލައިގެންވެސް ދާކަމަށާއި އެހެން ނަމަވެސް މޭމަހުގެ ފަހުކޮޅާއި ހަމައަށް ކޯޓުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް މިފަހަރު ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށެވެ.

މާލޭގައި ކުރިން ބޭނުން ކުރަމުން އައި ހޭންޑްބޯޅަ ކޯޓަކީ 2021 ވަނަ އަހަރު އެޅި ކޯޓެކެވެ.

އެތަން ތަޅާލާ އައު ކޯޓެއް އެޅުމުގެ މަސައްކަތް ފެށީ އިންޑޯ ހޭންޑްބޯލް ކޯޓެއް ނެތުމާއި ގުޅިގެން ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންނަށް ގިނަ ދަތިތަކެއް ދިމާވުމުންނެވެ.

މި މަޝްރޫއަށް ކުޅިވަރު ވުޒާރާއާއި އެސޯސިއޭޝަނުން ބޮޑު ހޭދައެއް ކުރާއިރު މިތަން ނުނިމި ދިގުލައިގެން ދިއުމުން މާލޭގައި އިތުރު ކޯޓެއް ނެތުމުގެ ދަތިކަން ކުލަބުތަކާއި ސުކޫލުތަކަށްވެސް ވަނީ ކުރިމަތިވެފައެވެ.

މީގެ ކުރިން އިންޑޯ މެޓްގައި ކުޅުމުގެ ފުރުސަތު މާލެގައި ނެތަސް، މިހާރު ހަދަމުންދާ އިންޑޯ ކޯޓު ނިމުމުން ރާއްޖޭގެ ހޭންޑްބޯޅަ ކުޅުންތެރިން ބޭރުގެ މުބާރާތްތަކަށް ތައްޔާރުވުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.