އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 80،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ރަޝިއާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް ވަނީ 80،143 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ރަޝިއާ ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު %19 އިތުރު އަދަދެކެވެ.
ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ %12.5 ހިއްސާކުރަނީ ރަޝިއާ ފަތުރުވެރިންނެވެ. އަދި އެޤައުމުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެތެރެއިން %73 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. %10 ފަތުރުވެރިން ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، %2 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ހޮޓާތަކުގައެވެ. ސަފާރީތަކުގައި ޗުއްޓީ ހޭދަކުރި ރަޝިއާ ފަތުރުވެރިންގެ އިންސައްތައަކީ %1.3އެވެ.
މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން މާރިޗު މަހު ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާ ބަލާއިރު %20 ދަށްވެފައެވެ.
އަހަރުގެ މިހާތަަން ރާއްޖެއަށް ވަނީ 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. އަދި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7،019 ފަތުރުވެރިން އާދެއެވެ.