ޓުއަރިޒަމް

މިސް ސްކޫބާގައި ވާދަކުރާ ފަރާތެއް ހޯދުމުގެ މަސައްކަތް


މިސް ސްކޫބާ އިންޓަނޭޝަނަލްގައި ރާއްޖެއިން ވާދަކުރާނެ ފަރާތެއް ހޯދުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސް ސްކޫބާ މޯލްޑިވްސް ހޯދުމަށް ހިންގާ ޙަރަކާތުގެ މީޑިއާ ޕާޓްނަރއަކަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިސް ސްކޫބާ އިންޓަނޭޝަނަލަކީ ކަނޑުގެ ނާޒުކުކަމާއި ކަނޑުއަޑީގެ ރީތިކަން ހިފަހައްޓައި، ކުރިއަރުވުމަށް ބާރުއެޅުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މިއީ، މެލޭޝިޔާގައި މިއަހަރު ބާއްވާ މި އެވޯޑް ޙަފްލާގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މި ޙަރަކާތުގެ މީޑިއާ ޕާޓްނަރ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވީ، ރާއްޖެފަދަ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކުން މިފަދަ އެވޯޑެއް ހޯދުމަށް މަސަކަތްކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި، މިކަމުގައި ޕީ.އެސް.އެމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށެވެ.

މިސް ސްކޫބާ އިންޓަނޭޝަނަލަށް ރާއްޖެއިން ވާދަކުރާނެ ފަރާތެއް ހޯދުމަށް އިސްވެ މަސައްކަތްކުރައްވާ ޑެއިޖްއިން ބުނީ، މިފަދަ ޙަރަކާތެއްގައި ބައިވެރިވެ، އެވޯޑް ޙާޞިލްކުރުމަކީ، ރާއްޖެފަދަ ޤައުމަކަށް އެހާ އުނދަގޫ ކަމަކަށް ނުވާނެކަމަށެވެ. މިކަމަށް ހޮވޭ ފަރާތްތަކަށް ޑެއިޖްގެ ފަރާތުން ޚާއްޞަ ތަމްރީނުތަނެއް ދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިސް ސްކޫބާ މޯލްޑިވްސްއަށް ކުރިމަތިލުމަށް މިހާރު ފުރުޞަތު ހުޅުވިފައިވާކަމަށާއި، އަންނަ އޮކްޓޫބަރު އެކަކުން ފެށިގެން ރަށްރަށުގައި ބައިވެރިން ހޮވުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް މިކަން އިންތިޒާމްކުރާ ޑެއިޖްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޝިނާން ވިދާޅުވިއެވެ.