ޚަބަރު

ވިޔަފާރިއާ އިންސާނީ ޙައްޤުތަކުގެ ދާއިރާއާގުޅޭ ޚާއްޞަ ސެޝަނެއް


އިންސާނީ ޙައްޤުތަކަށް ހޭލުންތެރިވެފައިވާ ޒިންމާދާރު މުޖްތަމަޢުއެއް އުފެއްދުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ވިޔަފާރިއާ އިންސާނީ ޙައްޤުތަކުގެ ދާއިރާއަށް އަމާޒުކުރައްވައިގެން އެ ކޮމިޝަނުން ޚާއްޞަ ޝެޝަނެއް ބާއްވަވައިފިއެވެ.

ސްޓެލްކޯގައި ބޭއްވެވި ޝެޝަންގެ މައިގަނޑު މަޤުޞަދަކީ އިންސާނީ ޙައްގުތަކަށް ވިޔަފާރިތަކުގެ މުއައްޒަފުންގެ މެދުގައި ހޭލުންތެރިކަން އެފެއްދެވުމެވެ. އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ ރޫޙް ވިޔަފާރިތަކުގެ މެދުގައި އާލާކޮށް، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމާއި، ވިޔަފާރިތަކުގެ މަސައްކަތްތައް އިންސާނީ ޙައްޤުތަކުގެ މިންގަޑުތަކަށް ފެތޭނެގޮތަށް ބެހެއްޓުމަށް ބާރުއެޅުއްމާއި، ވިޔަފާރިއާ ގުޅޭގޮތުން ހެދިފައިވާ އިދާރީ އަދި ޤާނޫނީ އޮނިގަނޑަކީ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ޙިމާޔަތްކުރެވޭނެ ގޮތަކަށް ހެދިފައިވާ އެއްޗަކަށް ހެދުމަށް ބާރުއެޅުއްވުމަކީވެސް މި ޝެޝަންގެ މަޤުޞަދުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް އެޗްއާރސީއެމުން ވިދާޅުވެއެވެ.

މި ޝެޝަނާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެޗް.އާރ.ސީއެމްގެ ސީނިއަރ އެޑިޔުކޭޝަން އޮފިޝަރ ޢާއިޝަތު ޝިފާނާ ވިދާޅުވީ މިއީ ވިޔަފާރިކުރާ ފަރާތްތަކުން އިންސާނީ ޙައްގުތަކަށް އިޙްތިރާމްކުރުމާއެކު، ވިޔަފާރީގެ މުޢަމަލާތްތަކާއި ސިޔާސަތުތައް ބައްޓަންކުރުމަށް  އެހީތެރިވެދިނުމަށްޓަކައި އެޗް.އާރ.ސީއެމުން ކުރިޔަށް ގެންދަވާ މަސައްކަތުގެ ތެރެއިން ބޭއްވެވި ޚާއްޞަ ޝެޝަނެއްކަމަށެވެ.

ކުރިޔަށް އޮތް ތަނުގައި މިފަދަ އިތުރު ޝެޝަންތަކެއް މީޑިޔާއާއި ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކުރައްވައިގެން ބޭއްވެވުމަށް ހަމަޖެހިފައިވާކަމަށް އެކޮމިޝަނުން ހާމަކުރައްވައެވެ.