ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި ކުރައްވާ މަސައްކަތްތަކުގެ ދަށުން، މިކަމަށް ޢާންމުންނާއި ކަމާގުޅުން ހުރި ފަރާތްތައް ހޭލުންތެރިކުރެއްވުމުގެ ޚާއްޞަ ޕްރޮގްރާމެއް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވަނީ ފަށްޓަވާފައެވެ. މި ޕްރޮގްރާމްގެ ދަށުން އިންޑިއާގެ އެންމެބޮޑު އެއް ޔުނިވަރސިޓީ ކަމަށްވާ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީއާ ޙަވާލުކުރައްވައިގެން ޓެރަރިޒަމަށް ޢާންމުން ހޭލުންތެރިކުރުވުމުގެ އެކި ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަވައި، އެދާއިރާގައި ޙަރަކާތްތެރިވާ ސިފައިންނާއި އެހެނިހެން ފަރާތްތައް ތަމްރީނުކުރުމުގެ އެއްބަސްވުމުގައި ޑިފެންސް މިނިސްޓްރީން ވަނީ ސޮއިކުރައްވާފައެވެ.
މިކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ޓެރަރިޒަމް ނައްތާލެއްވުމަށް އެންމެ މުހިންމު އެއްކަމަކީ އެކަމަށް ޢާންމުން ހޭލުންތެރިކުރުވުންކަމަށާއި، އެހެންކަމުން އިންޑިއާގެ ޔުނިވަރސިޓީއާއެކު ސޮއިކުރެއްވި އެމް.އޯ.ޔޫގެ ސަބަބުން މިދާއިރާގައި ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ. ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ކަމާގުޅުން ހުރި ފަރާތްތައް ތަމްރީނުކުރެއްވުމުގެ މަސައްކަތްޕުޅަކީވެސް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްޕުޅެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެމް.އޯ.ޔޫގައި ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އިންޑިއާގެ ލަވްލީ އިންޓަރނޭޝަނަލް ޓްރަސްޓްގެ އެސޯސިއޭޓް ޑިރެކްޓަރ އަމަން މިއްތަލްވަނީ ރާއްޖޭއިން އެކި ރޮނގު ރޮނގުން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކޮށް ދިވެހި ސަރުކާރާއި ރައްޔިތުންނަށް ތައުރީފްކުރައްވާފައެވެ. އަދި އެންޓި ޓެރަރިޒަމްގެ ދާއިރާއިން ދިވެހިން ތަމްރީންކުރެއްވުމަށް އެ ޔުނިވަރސިޓީން ދެއްވާ ސްކޮލަރޝިޕަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ނަންފުޅުން ނަންދެއްވުމަށް ނިންމަވާފައިވާ ކަމަށް އަމަން މިއްތަލް ވިދާޅުވިއެވެ.
މި އެއްބަސްވުމާއެކު އެޔުނިވަރސިޓީގެ ދަށުން ހިނގާ ލަވްލީ އިންޓަރނޭޝަނަލް ޓްރަސްޓުން ހިންގާ އެންޓި ޓެރަރިޒަމާ ގުޅުން ހުރި ޕްރޮގްރާމްތަކުގައި ރާއްޖޭގެ ކަމާގުޅުން ހުރި ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި އެ ޔުނިވަރސިޓީން އިސްވެ ޓެރަރިޒަމަށް ހޭލުންތެރިކުރުވުމުގެ އެކި ޕްރޮގްރާމްތައް މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ހިންގެވުމަށްވެސް ހަމަޖެހިފައިވެއެވެ.