ޔަހޫދީންނާއި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަައިގައި އީރާނުން ބޭނުންވަނީ ޙަމަލާ ބަދަލުކުން ހުއްޓައިލުމަށް ނޫން ކަމަށާއި، އެ ޤައުމުން އެދެނީ ހަނގުރާމަ ދާއިމީ ގޮތަކަށް ނިމުމަކަށް ގެނައުމަށް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު، ޢައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ.
އެއްވެސް މަޤުބޫލު ސަބަބެއް ނެތި ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ޙަމަލާ ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުއެވެ. ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން ދަނީ ޔަހޫދީންނާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މަސްލަހަތުތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ޙަމަލާތައް ދީ ގެއްލުން ދެމުންނެވެ. ހަނގުރާމަ މިހާރު ވަނީ އެއް މަސް ދުވަހަށް ދިގުލައިގެން ގޮސްފައެވެ. އަދި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ދަނީ އިޤްތިޞާދީ ގޮތުން ބޮޑެތި ލޮޅުންތައް އަންނަމުންނެވެ.
އީރާނުން ބޭނުންވަނީ ދާއިމީ ޙައްލެއް ކަމަށް އެ ޤައުމުން ތަކުރާރުކޮށް ބުނަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. ހަމައެއާއެކު ދިގު މުއްދަތަކަށް ހަނގުރާމަ ކުރުމަށް ތައްޔާރަށް އޮތް ކަމަށް ވެސް އެ ޤައުމުން ދަނީ ބުނަމުންނެވެ. ޙަމަލާ ބަދަލުކުރުން މެދުކަނޑައިލާ ނަމަ އެމެރިކާއާއި ޔަހޫދީން އަނެއްކާ ވެސް އީރާނަށް ޙަމަލާ ދިނުމުގެ ފުރުޞަތު އޮންނާނެ ކަމަށް އީރާނުން ޤަބޫލުކުރެއެވެ.