ޚަބަރު

އޯއޭސީޕީއެސްގެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ


  • ސަމިޓު ކުރިއަށްދިޔައީ މިމަހުގެ 27އިން 29އަށް

  • ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ސަފީރު ޤީލާ ޢަލީ

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް، އޯއޭސީޕީއެސް ގައުމުތަކުގެ އެންމެ އިސްވެރިންގެ 11 ވަނަ ބައްދަލުވުމުގައި، ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ސަމިޓު ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 27 އިން 29އަށް އިކުއޭޓޯރިއަލް ގިނީގެ މަލާބޯގައެވެ.

މި ސަމިޓުގައި ރާއްޖެއިން ބައިވެރިވި ވަފުދުގައި އިސްކޮށް ހުންނެވީ ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަން އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޤީލާ ޢަލީ އެވެ. މި ބައްދަލުވުމުގައި ސަފީރު ޤީލާގެ އަރިހުގައި ބެލްޖިއަމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙަސަން ނަވާފު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސަމިޓުގައި، އޯއޭސީޕީއެސް ގައުމުތަކުގެ މެދުގައި އިޤްތިޞާދާއި، ވިޔަފާރިއާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އަދި އޯއޭސީޕީއެސް ހިންގުން ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކޮށް މެމްބަރު ގައުމުތަކުން ވަނީ މި ޖަމުއިއްޔާ ކުރިއެރުވުމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައެވެ.

މީގެއިތުރުން، މި ސަމިޓްގެ ތަރެއިން ބޭއްވި އޯ.އޭ.ސީ.ޕީ.އެސް ކައުންސިލް އޮފް މިނިސްޓަރސް ގެ ޚާއްސަ ބައްދަލުވުމުގައިވެސް ސަފީރު ޤީލާ ބައިވެރިވަޑައިގެންނެވިއެވެ.

މި ސަމިޓަކީ އޯ.އޭ.ސީ.ޕީ.އެސް. އަށް މިދިޔަ އަހަރު 50 އަހަރު ފުރުމަށްފަހު، ބާއްވާ ފުރަތަމަ ތާރީޚީ ސަމިޓެވެ.

އޯ.އޭ.ސީ.ޕީ.އެސް. އަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ގައުމުތަކުގެ ތެރެއިން 79 ގައުމެއް ހިމެނޭހެން އުފައްދާފައިވާ ޖަމުއިއްޔާއެކެވެ. ދިވެހިރާއްޖެ އޯ.އޭ.ސީ.ޕީ.އެސް.ގެ ފުރިހަމަ މެންބަރު ޤައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022 ގައެވެ.