ވިޔަފާރި

އޭއެޗް އެންޑް އެސޯސިއޭޓްސް ރީބްރޭންޑްކޮށްފި


ރާއްޖޭގައި އެކައުންޓިންގ އަދި އޮޑިޓިންގ ޚިދުމަތް ދެމުން އައި ކުންފުނި، އޭއެޗް އެންޑް އެސޯސިއޭޓްސްގެ ނަން، ކްރޯ ހޮވާތު މޯލްޑިވްސްގެ ނަމަށް ރީބްރޭންޑްކޮށްފިއެވެ. އެ ކުންފުނީގެ ނަން ރީބްރޭންޑް ކޮށްފައިވަނީ ބައިނަލްއަޤްވާމީ އެކައުންޓިންގ ނެޓްވޯކު ކްރޯ ހޮވާތު އިންޓަނޭޝަނަލާއެކު ޕާޓުނަރޝިޕް ހެދުމަށްފަހުއެވެ. img:http://s1.psmnews.mv/images/660x400/14749718948813.jpg|އޭއެޗް އެންޑް އެސޯސިއޭޓްސްގެ ނަން، ކްރޯ ހޮވާތު މޯލްޑިވްސްގެ ނަމަށް ރީބްރޭންޑް ކުރުން - ފޮޓޯ: ޕީއެސްއެމް

މިއާއެކު ކްރޯ ހޮވާތު މޯލްޑިވްސްއަކީ ބައިނަލްއަޤްވާމީ އެކައުންޓިންގ ނެޓްވޯކެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ފުރަތަމަ ފަރާތަށް ވަނީ ވެފައެވެ. ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި، އޭއެޗް އެންޑް އެސޯސިއޭޓްސް "ކްރޯ ހޮވާތު މޯލްޑިވްސް"އަށް ރީބްރޭންޑް ކޮށްދިނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކުއެވެ. މީޑިއާއަށް މައުލޫމާތު ދެއްވަމުން، ކްރޯ ހޮވާތު މޯލްޑިވްސްގެ މެނޭޖިންގ ޕާޓްނަރު ހަސަން މުހައްމަދު ވިދާޅުވީ، އޭއެޗް އެންޑް އެސޯއިއޭޓްސް ރީބްރޭންޑް ވެގެން ދިއުމާއެކު، އެކައުންޓިންގ، އޮޑިޓިންގ، ޓެކްސް އަދި އެޑްވައިޒަރީގެ ދާއިރާގައި މިހާރު ރާއްޖޭގައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ ބްރޭންޑެއް ލިބޭނެ ކަމަށެވެ. އަދި އެ ކުންފުނީގެ ޚިދުމަތްތައް ދެވޭނީ ކްރޯ ހޮވާތު އިންޓަނޭޝަނަލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމުގެ ދަށުން، ކްރޯ ހޮވާތުގެ ސްޓެންޑަޑާއި ކޮލިޓީގައި ކަމަށް ހަސަން ވިދާޅުވިއެވެ. އެގޮތުން ކްރޯ ހޮވާތު މޯލްޑިވްސްގެ މަސައްކަތުގެ ފެންވަރު ވަޒަންކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14749720416801.jpg|އޭއެޗް އެންޑް އެސޯސިއޭޓްސްގެ ނަން، ކްރޯ ހޮވާތު މޯލްޑިވްސްގެ ނަމަށް ރީބްރޭންޑް ކުރުން - ފޮޓޯ: ޕީއެސްއެމް

އޭއެޗް އެންޑް އެސޯސިއޭޓްސްއިން ރާއްޖޭގައި ދެ އޮފީހެއް ހިންގަމުންދެއެވެ. މި ދެއޮފީސް ހިންގަމުންދަނީ މާލެ ސިޓީއާއި ފުވައްމުލަކު ސިޓީގައެވެ. މިހާރު މި ދެ އޮފީސް ވެސް ހިނގަމުން ދާނީ ކްރޯ ހޮވާތު މޯލްޑިވްސްގެ ނަމުގައެވެ.