ޓުއަރިޒަމް

ފަތުރުވެރިކަމުގެ ދާއިރާގައި ދަތުރުފަތުރު ހަރުދަނާކުރަން ޖެހޭ


ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެ މަގުފަހިކޮށްދިނުމަށް ބޭނުންވާ، ދަތުރުފަތުރުގެ ވަޞީލަތްތައް ތަރައްޤީކޮށްދެއްވުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްކުރަމުން އަންނަ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފިއެވެ. ރައީސް ޔާމީން މިކަމަށް އިލްތިމާސްކުރެއްވީ، މިއަދު ދުނިޔޭގައި ފާހަގަކުރަމުން އަންނަ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި އެމަނިކުފާނުގެ ޚިޠާބުގައެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ފޮނުއްވި ޚިޠާބުގައި، ދިވެހިރާއްޖެއަކީ، ފަތުރުވެރިކަން ތަރައްޤީކުރުމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި، މި ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރަމުންކަން އަންނަކަމަށް ވަނީ ބަޔާންކުރައްވާފައެވެ. އަދި މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު، ރާއްޖޭގެ ފަތުރުވެރިކަން މިދަނީ އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވެ ކުރިއަރަމުންކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.

ރައީސް ޔާމީންގެ ޚިޠާބުގައި ދިވެހިރާއްޖޭގައި އެންމެ ފުރިހަމަ ގޮތުގައި ފަތުރުވެރިކަމުގެ ޚިދުމަތް ދިނުމަށްޓަކައި ދަތުރުފަތުރުކުރުމުގެ ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ ފަރާތްތަކަށް، ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެ މަގު ފަހިކޮށްދިނުމަށް ބޭނުންވާ، ދަތުރުފަތުރުގެ ވަޞީލަތްތައް ތަރައްޤީ ކޮށްދެއްވުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު އިލްތިމާސް ކުރައްވާފައިވެއެވެ. މިފަދަ ވަސީލަތްތައް ޤާއިމުކުރެވުމުން، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިރާދަކުރެއްވިއްޔާ މިހާރަށްވުރެ އިތުރުވެ، އެކަމުގެ ފައިދާ ފެނިގެންދާނެކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ކުރިޔަށް ގެންދަވަމުން ބަޔާންކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން މިކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މިއަހަރު 4 ރިޒޯޓެއް ހުޅުވާފައިވާއިރު އިތުރު 9 ރިޒޯޓެއް މިއަހަރު ނިމުމުގެ ކުރިން ހުޅުވިގެންދާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ. ހަމައެއާއެކު، ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެގެންދާއިރު، ރާއްޖޭގެ އެންމެބޮޑު އެއަރޕޯޓް ކަމުގައިވާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫޢު، މި އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ފަށާފައިވާއިރު މި މަޝްރޫޢު ނިމިގެންދާއިރު އިރާދަކުރެއްވިއްޔާ އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުރުވެރިންނަށް މި ވައިގެ ބަނދަރުން ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހު ދެއްވި މި ޚިތާބުގައި، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، ދިވެހި އެންމެހައި ރައްޔިތުން އެކުގައި އެއް ޢަޒުމެއްގައި މަސައްކަތް ކުރައްވައިގެންކަމަށް ވިދާޅުވެފައިވެއެވެ. އަދި ޤައުމު ކުރިއެރުވުމުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައިގެންކަމަށްވެސް ވިދާޅުވެފައިވެއެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށްޓަކައި، ސަރުކާރުން ފަހިކޮށްދެވެން ހުރި ކަންކަން ގެންދަވަނީ، ފަހިކޮށްދެމުންކަމަށާއި ފަތުރުވެރިކަމުން ސީދާގޮތެއްގައި ފައިދާ ލިބިދޭ ފަރާތްތައް އިތުރުކުރުމުގެ ގޮތުން އަމިއްލަ ފަރުދުންނަށާއި، ކުދިވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތަކެއް ހުޅުވައިލައްވާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން މެދު ފަންތީގެ ފަތުރުވެރިކަން "އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ދިވެހިރާއްޖެއަށް ތަޢާރުފުކޮށް ހިންގުމަށްޓަކައި، "މޯލްޑިވްސް އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް މިއަހަރުގެ އޮގަސްޓުމަހު އުފައްދާފައިވާކަންވެސް ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުންވެސް ތަފާތު ގިނަ މަޝްރޫޢުތަކެއް މުސްތަޤްބަލުގައި ތަޢާރުފުކުރެއްވުމުގެ މަސައްކަތްތައް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ހާމަކުރައްވާފައިވެއެވެ.