އަލް މަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މާއިޝާ ޢަބުދުއްރަހީމް ހޮވިއްޖެއެވެ.
އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މިދިޔަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ފާއިތުވި އަހަރު އެ ސްކޫލުން އެކިގޮތްގޮތުން ފާހަގަ ކުރެވުނު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުންދެއްވާފައިވެއެވެ. ކްލާސްތަކުން ވަނަވަނަ ހޯދި ދަރިވަރުންނަށާއި މުޅި ސްކޫލުން ފާހަގަ ކުރެވުނު ދަރިވަރުންނަށާއި، ޔުނީފޯމް ހަރަކާތްތަކުން ފާހަގަ ކުރެވުނު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދެއްވިއެވެ. ފާއިތުވި އަހަރު އެ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މާއިޝާ އަބްދުއްރަހީމެވެ. ރޭ ބޭއްވި އެ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އޭނާއަށް އިނާމާއި ހަނދާނީ ލިޔުން ދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އަރަބިއްޔާ ސްކޫލަކީ ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތުގެ މައިބަދަ ކަމަށާއި އިސްލާމީ ތަޢުލީމު ހާޞިލްކުރާ ދަރިވަރުންގެ ހައިސިއްޔަތުން އަރަބިއްޔާއިން ނުކުންނަ ދަރިވަރުންނަކީ އިސްލާމީ ޝަރީއަތުގެ ސިފަތައް ދަމަހައްޓާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.
ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އަބަދުވެސް އޮންނާނީ ޢަރަބިއްޔާއާއެކުކަން ފާހަގަކުރައްވަމުން ޔުނިވާސިޓީން ކޮށްދެވެންއޮތް ކޮންމެ ކަމެއް، ކޮއްދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ޑރ. ޝަހީމް ދެއްވިއެވެ.
މިޖަލްސާގައި އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ ވިދާޅުވީ، އެސްކޫލުގެ ދަރިވަރުން ހޯދަމުން އަންނަ ނަތީޖާ އަހަރުން އަހަރަށް ރަނގަޅު ވަމުން އަންނަ ކަމަށާއި އަދި ދަރިވަރުން ހޯދާ ނަތީޖާއާ އެއްވަރަށް ކުދިންގެ އަޚްލާޤަށްވެސް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަން ފާހަގަކުރެވޭ ކަމަށެވެ.