ތަޢުލީމު

2017ގެ ނިޔަލަށް ހުރިހާ ސްކޫލެއްގައި ހެލްތް ރޫމް ޤާއިމްކުރަނީ


2017 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެލްތް ރޫމް ޤާއިމުކުރައްވައި ނިންމަވާލެއްވޭނެކަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވީ ހެލްތް ރޫމް ނެތުމުން ދިމާވާ މައްސަލަ 2017 ގެ ނިޔަލަށް ޙައްލުކޮށްދެއްވުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށާއި، ހެލްތް ރޫމަށް ބޭނުންވާ ބޭސިކް ހުރިހާ ވަޞީލަތްތަކެއް ހޯއްދަވާފައިވާނެކަމަށެވެ.

ދިވެހި ދަޢުލަތުން ހިންގާ ސްކޫލްތަކަކީ ވަޞީލަތްތައް ހަމަ ސްކޫލްތަކެއްގެ ގޮތުގައި ހެއްދެވުމަށްޓަކައި ސަރުކާރުން ގެންދަނީ ޕްލޭންތަކެއް ކުރައްވައި ތަންފީޒުކުރައްވަމުންނެވެ. އެގޮތުން ދައުލަތުން ހިންގަވާ ސްކޫލްތަކަކީ އެތަނަކަށް ބޭނުންވާ އަސާސީ ހުރިހާ ޚިދުމަތެއް ލިބެން ހުންނަ ސްކޫލްތަކެއްގެ ގޮތުގައި ހެއްދެވުމަކީ އެޑިޔުކޭޝަން މިނިސްޓްރީން އެންމެ އިސްކަމެއްދެއްވައިގެން ކުރައްވަމުން ގެންދަވާ އެއްކަންތަކެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ކުރިޔަށް ގެންދާވާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެމިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވީ މިނިސްޓްރީން އިސްކަންދެއްވައިގެން ކުރައްވަމުން ގެންދަވާ ކަންތައްތަކުގެ ތެރޭގައި ފަސްޓްއެއިޑްގެ ހިދުމަތްދެވޭނެ ވަޞީލަތްތައް ސްކޫލްތަކުގައި ޤާއިމުކުރެއްވުން ހިމެނޭކަމަށެވެ. އެގޮތުން 2016 ވަނައަހަރު 189 ސްކޫލެއްގެ ހެލްތްރޫމަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯއްދަވާފައިވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސްކޫލްތަކުގެ ހެލްތް ރޫމަށް ބޭނުންވާ ވަޞީލަތްތަކުގެ ތެރެއިން މިހާތަނަށް ނުފޮނުވިފައިވާ 5 ސްކޫލެއްގެ ހެލްތްރޫމަށް ބޭނުންވާ ވަޞީލަތްތައް މިހަފްތާގެ ތެރޭގައި ފޮނުއްވާނެކަމަށް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ."ޑޮކްޓަރަކު އެތަނަށް ވަދެފައި ކުއްޖަކު ބަލާލަން ބޭނުންވާނެ ހުރިހާ ސާމާނެއް ގާތްގަނޑަކަށް އެތަނުގައި ހުންނާނެ.. މިކަމަށް އަޅުގަނޑުމެންގެ މިއަހަރުގެ ބަޖެޓުން ގާތްގަޑަކަށް ދަންނަވާނީ ސްކޫލްތަކަށް މިލިޔަނެއްހާ ރުފިޔާ.. އެޑިޔުކޭޝަން މިނިސްޓްރީގެ ބަޖެޓުންވަނީ ޙަރަދުކުރެވިފައި. އަތޮޅުތަކުގެ ހުރި ހުރިހާ ސްކޫލަކަށް ހެލްތް ސާމާނު ކޮންމެ ސްކޫލަކަށް ހަމަހަމައަށް އެއްގޮތަކަށް ކިތައްމެ ކުޑަސްކޫލަކަށް ވެސް ކިތައްމެ ބޮޑު ސްކޫލަކަށްވެސް އެ ފެސިލިޓީސް ހުންނަގޮކަށް ހަމަޖެހިފައިވަނީ... 2017 އިންފެށިގެން އަޅުގަނޑުމެން  ގަސްތުކުރަނީ ހެލްތް ރޫމްގެ އިޝޫޒް ހައްލަކަށް ގެނައުމަށްޓަކައި ސްކޫލްގެ ތެރެއިން އެވަސީލަތްތައް ގާއިމުކޮށްދޭން" އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/8088.jpg|އިސްކަންދަރު ސްކޫލް - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

ދައުލަތުން ހިންގަވާ ގިނަ ސްކޫލްތަކުގައި ހެލްތް ރޫމްތައް ޤާއިމްކުރައްވާފައިވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސްކޫލްތަކުގައި ދިމާވާ ކުދިކުދި އެކްސިޑެންޓްތަކުގައި ފަރުވާދެވޭނެ ވަޞީލަތްތައް ގިނަ ސްކޫލްތަކުގައި ހުންނާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ."ބައެއް ސްކޫލްތަކުގައި ހެލްތް ރޫމް ނުހުރެ ހިނގައިދާނެ، އެހެންވީމާ މިވަގުތު ބޭނުން ކުރަމުންގެންދާނީ ކޮންމެވެސް އެހެން ރޫމެއްގެ ތެރޭގައި. ދައުލަތުން ހަމަޖައްސާފައިވާނެ ކޮންމެ ސްކޫލަކީވެސް ދައުލަތުން މިކަހަލަކަންތައް ބެލުމަށްޓަކައި މުއައްޒަފަކު ހުންނަން ޖެހޭނެ. ގިނަސްކޫލްތަކުގައި ހެލްތް ރޫމް ހުންނާނެ، ދިމާވާދައްޗަކަށް ވަނީ ބައެއްފަހަރަށް ސްކޫލްތައް އެއްސެޝަންގެ ސްކޫލްތަކަށް ބަދަލުކުރަންވީމާ ހުރިހާ ކުލާސްރޫމްތަކެއްބޭނުން ކުރުމުގެ މަގުސަދުގައި  ބައެއްފަހަރު ލައިބްރަރީއާއި ރިސޯސް ރޫމްތައް ނަގާފައިވެސްވޭ.  އެ ސްކޫލްތަކަކީ ދެސެޝަނަށް ގެންދާ ސްކޫލްތަކަށް ވަނީ ވިއްޔާ އެ ފެސިލިޓީޒްތައް ވަރަށް ސާފްކޮށް ގާއިމުކޮށްރެވެން އެބަހުރި. އަޅުގަނޑުމެންދަނީ އެފަދަތަންތަން ބަލަމުން އެކަހަލަ ވަސީލަތްތައް ޤާއިމުކޮށްދެމުން." އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

މިއީ ވަޞީލަތްތައް ހަމަ ސްކޫލްތައް ޤާއިމުކުރެއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރަމުންގެންދަވާ މަސައްކަތެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ދައުލަތުން ހިންގާ ސްކޫލްތަކަކީ ފެސިލިޓީގެ ގޮތުން ހަމަހަމަ ސްކޫލްތަކެއްގެ ގޮތުގައި ވުން ހިމެނެއެވެ. 2017 ވަނައަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެލްތް ރޫމް ޤާއިމު ކުރެވޭވަރުވާނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.