ހއ. އުތީމު ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިއެވެ. އުތީމުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްއެވެ.
އުތީމުގައި ޤާއިމްވެގެން މިދިޔީ މި ސަރުކާރުން ލެބޯޓަރީނެތް ރަށްރަށުގައި ލެބޯޓަރީގެ ހިދުމަތް ފަށާފައިވާ މަޝްރޫގެ ދަށުން 15 ވަނަ ލެބޯޓަރީއެވެ
އުތީމު ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށް މިއަދު އެރަށުގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، އުތީމު ކައުންސިލްގެ އިސްވެރިންގެ އިތުރުން، ސިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ލެބޯޓްރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު ސަރުކާރުން މަސައްކަތްކުރަނީ، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މި ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ. އަދި ލެބޯރެޓަރީގެ ޚިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.
އުތީމު ސިއްހީ މަރުކަޒަކީ 16 ގަޑިއިރު ހިދުމަތްދޭތަނެކެވެ. މި މަރުކަޒުގެ ބެޑް ކެޕޭސިޓީއަކީ 4 ބެޑެއެވެ. މިރަށުގައި ރައްޔިތުންގެވެސް އެންމެ ބޮޑު ތަކުލީފަކީ އަމިއްލަ ރަށުގައި ހުރެގެން ބަލީގެ ތަހުލީލުތައް ނުކުރެވުމެއެވެ. ޓެސްޓުތައް ހަދަން ޖެހޭނީ ސާމްޕަލް ނެގުމަށްފަހު ދިއްދޫ ހޮސްޕިޓަލަށް ފޮނުވައިގެންނެއެވެ. އެހެންނަމަވެސް މި ހުޅުވުނު ލެބޯޓަރީއާއެކު އަމިއްލަ ރަށުގައި ހުރެގެން ލެބޯޓަރީގެ ހިދުމަތް މި ވަނީ ކަށަވަރުވެފައެވެ.
އުތީމުގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމްވެގެން ދިޔުމަކީ އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ލުއިފަސޭހަކަމެކެވެ. އަމިއްލަ ރަށުގައި ހުރެގެން ބަލިތަކަށް ޓެސްޓުހެދުމަކީ ރައްޔިތުންގެ ޖީބައް ލުއިވެ ސިއްހީ ޚިދުމަތް ފަސޭހަކަމާއެކު ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެއްކެވެ.