ޚަބަރު

ކައުންސިލް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓެއް ނުލެވޭނެ


ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ރާއްޖެއިން ބޭރުގައި އެއްވެސް ވޯޓު ފޮށްޓެއް ނުބެހެއްޓުމަށް އިލެކްޝަނސް ކޮމިޝަނުން ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައިވަނީ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ހަމައެކަނި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެހެންކަމުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުފޮށިތަށް ރާއްޖެއާ ރާއްޖެއިން ބޭރުގައިވެސް ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މިގޮތަށް ނިންމެވި ނަމަވެސް ރާއްޖޭގެ ހުރިހާ ރަށަކާއި، ރިސޯޓްތައް އަދި ސިނާއީ މަސައްކަތްތައް ކުރިއަށްދާ ރަށްރަށުގައި ވޯޓް ފޮށި ބެހެއްޓޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

ރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގެވުމަށް ޤާނޫނުގައި ބާޔާންކުރައްވާފައިވާ އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، ރަށުކައުންސިލްތައް ތިންވަނަދައުރަކަށް އިންތިޚާބުކުރެއްބުވުމަށް، ކުރައްވަންޖެހޭ ތައްޔާރީތައް އިންތިޚާބުތަކާބެހޭމައި އިދާރާ، އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ ކުރައްވަމުންނެވެ. މިހާރު ތިބިއިންތިޚާބީ ކައުންސިލަރުންގެ ދައުރު ހަމަވާނީ، އަންނަ 2017 ވަނަ އަހަރުގެފެބްރުއަރީ 26 ގެ ނިޔަލަށެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނަށް ދާދިފަހުން ގެނެވުނު ބަދަލުގައިވާ ގޮތުން، އާބާދީގައި 3000 މީހުންނަށްވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 3 މެމްބަރުންނެވެ. އަދި އާބާދީ 3000 މީހުނަށްވުރެ ގިނަނަމަ އެރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 5 މެމްބަރުންނެވެ. އިންތިޚާބީ ދެ ދާއިރާ ހިމެނޭ އަތޮޅު ކައުންސިލްތަކަށް މުޅި އަތޮޅުން 3 މެމްބަރުން އިންތިޚާބުކުރާއިރު، މިފަދަ އަތޮޅުތަކަށް މެންބަރުން އިންތިޚާބުކުރަން އަތޮޅުގެ ހުރިހާ ރައްޔިތުން ވޯޓްދޭންޖެހޭނެއެވެ.