ޚަބަރު

ނިމުނު ހަފުތާ: ބޯހިޔާވަހިކަމާއި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް


  • ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފަށާފައިވޭ

  • މަޝްރޫޢުތައް ފެށުމަށް ކުންފުނިތަކާ ހަވާލުކޮށްފައިވޭ

ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިއްމު ކަންތައްތަކެއް ހިންގާދިޔައެވެ. (މާރިޗު 23) އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނޫސްވެރިންނާއި ބައްދަލުކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިމަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވާނޭކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުވަނީ މުހިއްމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި ބައެއް ކަންކަން:

- ދަޢުލަތުން ދޫކުރާ ބޯހިޔާވަހިކަން ލިބޭ ޙާލަތުގައި، އަމިއްލަ ނަމުގައި އޮންނަ 400 އަކަފޫޓަށްވުރެ ކުދި ބިންތައް ދަޢުލަތައް ދޫކޮށްލުމުގެ ބަދަލުގައި، އެ ބިން އާއިލާގެ ކޮންމެވެސް އެހެން މީހަކަށް ދެވޭގޮތަށް ނިންމާފަވާކަމަށް ވިދާޅުވުން.
- ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ވަކި ޚާއްސަ ޤާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ވިދާޅުވުން.
- ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފައްދަން އިންވެސްޓް ކުރާ ފަރާތްތަކަށް ޚާއްސަ ލުއިތަކެއް ދިނުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވުން.
- މިހާލަތުގައި އައު މަޝްރޫޢުތައް ފެށުމުގައިވެސް ބޯހިޔާވަހިކަމާއި ސިއްޙީ ދާއިރާގެ މަޝްރޫޢުތަކަށް މަޑުޖެހުމެއް ނުގެންނަވާނެކަމަށް ވިދާޅުވުން.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދަދު ހިފެހެއްޓުމަށް ގެންނަ އިސްލާހުގެ ތެރެއިން މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރަން ދިރާސާ ކުރަމުންދާކަމަށް ވިދާޅުވުން.

(މާރިޗު 22) ނިމުނު ހަފުތާގައި ވަނީ މެދުއިރުމަތީ ކަނގުރާމައާއި ގުޅޭގޮތުން އެކުލަވާލައްވާފައިވާ ވަޒީރުންގެ ކޮމިޓީގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
ނިމުނު ހަފުތާގެ އާދީއްތަ ދުވަހު ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ ރައްޔިތުންނަށް ދަތިނުވާގޮތަށް ޚަރަދުކުޑަކުރަން ދަނީ މަޝްވަރާކުރަމުންކަމަށެވެ. މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ދުވަހުން ދުވަހަށް ބޭނުންވާނެ ތެޔޮ އެބަހުރި ކަމަށާއި ކުރިއަށް އޮތް ތަނުގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ. ވަޒީރު ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދަޢުލަތުގެ އާމްދަނީއަށާއި، އަމިއްލަ ވިޔަފާރިތަކުގެ އާމްދަނީއަށްވެސް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ. ޚާއްސަކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު މަދުވުމުގެ ސަބަބުން އޭގެ އަސަރު ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކަމާއި ގުޅުންހުރި ފަރާތްތަކާ ގުޅިގެން އަޅަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ ސިއްޙީ ޚިދުމަތްތަކާއި ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ގޮތަށް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ. ސަރުކާރުގެ ޚަރަދު ކުޑަކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ލަފަޔާ އިރުޝާދު ހޯއްދަވަމުންދާ ކަމަށް، ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ފަތުރުވެރިންނަށް އަމާޒުކޮށްގެން 2 ވިސާއެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވިއެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ، ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަަސައްކަތްތަކުގެ ތަފްސީލު ޙިއްސާކޮށްފައެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް އަސްކަރީގޮތުން އެއްވެސް ނުރައްކަލެއް ނެތްކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ވަނީ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިފާޢީ ވަޒީރު ޣައްސާން ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދާއި އެނޫން އެއްވެސް ތަނެއް އެއްވެސް ޤައުމަކަށް ނުދޭގޮތަށް ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް މިދނަޑިވަޅުގައި އަސްކަރީގޮތުން ނުރައްކަލެއް އޮތްކަމަކަށް ނުފެންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިންތިޚާބާ ގުޅޭ

(މާރިޗު 21) އެޕްރީލް 4 ގައި ބާއްވާ އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމަށް ދިން މުއްދަތު މިވަނީ ހަމަވިއިރު، ރަޖިސްޓަރީގައި 230 މީހުން ސޮއިކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ނިމުނު ހަފުތާގައެވެ. އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަކީ ކައުންސިލްތަކުގެ އިންތިޚާބުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ސުވާލަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ބާއްވާ މުހިންމު ވޯޓެކެވެ. މި ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއެވެ. އެއީ 150،370 ފިރިހެނުންނާއި، 144506 އަންހެނުންނެވެ.

(މާރިޗު 24) އަންނަ މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ބާއްވާ ރިފްރެޝަރ ސެޝަންތައް ބާއްވާފައިވަނީ އަންގާރަ ދުވަހުއެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މި ހަރަކާތަކީ އޮފިޝަލުން ތަމްރީނުކުރުމާގުޅޭ އެންމެ ފަހު މަރުހަލާކަމަށެވެ.

ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީ

ނިމުނު ހަފުތާގައި އުމްރާނީ ތަރައްޤީގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި ބައެއް މަޝްރޫޢުތައް ނިމިފައިވެއެވެ. އެގޮތުން (މާރިޗު 20)
މަރާމާތަށްފަހު ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ހުޅުވާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

(މާރިޗު 21) ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް އަންނަމަހަށް ނިންމައި، ޖޫންމަހު ގޯތި ދޫކުރަން ފެށޭނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނިމުނު ހަފުތާގެ ހޮނިހިރު ދުވަހުއެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ޖަނަވަރީ މަހުގެ 30ވަނަ ދުވަހުއެވެ. މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު, އެމްއޭސީއެލްއިން މިދިޔަ ޖަނަވަރީމަހު ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ.

(މާރިޗު 23) ބޮޑުތަކުރުފާނު މަގުގެ އިތުރު 4 ސެގްމަންޓްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެމްޓީސީސީން ވިދާޅުވީ މަގުގެ މަސައްކަތުގައި އެންމެ ފުރަތަމަ ފަށާފައިވަނީ މިހާރު އޮތް އެއްގަމު ތޮށީގެ ކޮންކްރީޓް ތަޅާލާ، ނެގުމުގެ މަސައްކަތްކަމަށެވެ. މިމަސައްކަތް މިވަގުތު ކުރަމުންދަނީ ހެންވޭރު ފެރީ ޓާމިނަލާއި އިންވެގެން އޮންނަ ޖެޓީ ސަރަޙައްދުގައެވެ. އެސަރަޙައްދުގައި މަސްވެރިންގެ ޕާކާ ހަމައަށް، ދޯނިތައް ކައިރިކުރާ ހުރަސް ތޮށި ހިމެނޭހެން މަރާމާތު ކުރެއެވެ. މިއާއެކީގައި، މަގު ފުޅާ ކުރާ ސަރަޙައްދާ ހަމައަށް ޝީޓް ޕައިލް ކުރުމުގެ މަސައްކަތްތައްވެސް އެކު އެކީގައި ވަނީފަށާފައެވެ. ގާތްގަނޑަކަށް 2-3 މީޓަރު މަގުން ފުޅާކުރާނެއެވެ.

(މާރިޗު 25) ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް ހަދައި، ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ޝާއިއުކޮށްފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. މި ގަވާއިދަކީ ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމަށް ހަރުދަނާ އޮނިގަނޑެއް ތައާރަފުކޮށް، ތަރުތީބުވެފައިވާ އާބަން ތަރައްގީއަކަށް މަގުފަހިކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން ބިންވެރިންނާއި ޑިވެލޮޕަރުންނަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.

(މާރިޗު 26) ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރަން ފަށާފައިވަނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. މި މަސައްކަތުގެ ތެރެއިން މިއަދު އެކަނިވެސް 11 ފަރާތަކަށް ބިން ޙަވާލުކޮށްފައިވެއެވެ. ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ދޫކުރަން ކަނޑައެޅީ އެ ސަރަހައްދު ނުހިއްކައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތްތައް އެކި ފަހަރުމަތިން ފެށި ނަމަވެސް، އެ މަސައްކަތް އޮތީ ކުރިއަށް ނުގޮސް ހުއްޓިފައެވެ. ނަމަވެސް އަދުގެ ސަރުކާރުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސިއެލްއާ ޙަވާލުކޮށް 3ވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، މިދިޔަ ޖެނުއަރީ މަހުގެ 25ވަނަ ދުވަހު ވަނީ ނިންމާލާފައެވެ. ހުޅުމާލެއިން އަލަށް ހިއްކި ފޭސް 3 ސަރަޙައްދުން 698 ގޯތި ދޫކުރުމަށް ނިންމާފަވެއެވެ.

(މާރިޗު 21) ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ 1224 ޔުނިޓުގެ މަސައްކަތް ފަށާފައިވާ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި މިކަމަށްޓަކައި ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތް ކުރާ އަގުހެޔޮ ފްލެޓުތަކުގެ ތެރެއިން، މިރޭ ބިންގާ އަޅާފައިވަނީ، ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)ގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓުގެ މަސައްކަތުގެ ބިންގާއެވެ.

(މާރިޗު 26) ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އަޅާފައިވަނީ ބުރާސްފަތި ދުވަހުއެވެ. ވިލިމާލޭގައި 300 ހައުސިން ޔުނިޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. ވިލިމާލޭގައި ތަރައްޤީކުރާ 300 ހައުސިން ޔުނިޓު އެޅުމަށް ޙަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 17 ފަންގިފިލާގެ 3 ޓަވަރެވެ. މި މަޝްރޫޢަކީ، ވިލިމާލޭގައި އިތުރުވަމުންދާ އާބާދީއަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެވެ.

ނިމުނު ހަފުތާގައި ފަށާފައިވާ އަދި ސޮއިކޮށްފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް

- (މާރިޗު 21) ވާދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުން
- (މާރިޗު 22) ގެމަނަފުށީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށުން
- (މާރިޗު 23) އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫޢު އިފްތިތާޚުކުރުން
- (މާރިޗު 23) ތިނަދޫ މަގުހެދުމުގެ 3ވަނަ ފިޔަވަހި ފެށުން
- (މާރިޗު 23) ތިނަދޫ 50 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުން
- (މާރިޗު 25) ގއ. މާމެންދޫ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށުން
- (މާރިޗު 25) ވައިކަރަދޫ 50 ހައުސިން ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރުން
- (މާރިޗު 25) ފަސް ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތް އަޅަން 3 ކުންފުންޏަކަށް
- (މާރިޗު 25) ފަސް ރަށެއްގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އެމްޓީސީސީއަށް
-(މާރިޗު 25) ރަތަފަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުން

ވިޔަފާރީގެ ދާއިރާ

ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، (މާރިޗު 21) އޭދަފުށީ ފިއުލް ސްޓޭޝަންގެ ޚިދުމަތް ފަށާފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. (މާރިޗު 21) ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ރާއްޖެއަށް ތެލުގެ އައު ޝިޕްމަންޓެއް ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުވަނީ އުފުލިފައެވެ. ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުފުލިގެން ގޮސްފައިވާއިރު، ރާއްޖެއަށް އެތެރެކުރާ ޕެޓްރޯލް އަދި ޑިސަލް އަކީ އެންމެ މަތީ މިންގަނޑަށް ސާފުކޮށްފައި ހުންނަ ތެލެވެ. އެހެން މި ބާވަތްތަކުގެ އަގުވެސް ވަނީ ބޮޑުތަނުން އުފުލިފައެވެ. އެހެން ކަމުން ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ހުރެދާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.

(މާރިޗު 23) ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ލިބިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވީ މިދިޔަ ހޯމަ ދުވަހުއެވެ. އެސްޓީއޯއިން މީޑިއާތަކަށް ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ގޭހުގެ އައު ޝިޕްމެންޓެއް މިއަދު ރާއްޖެ ގެނެސް ބާޒާރުގައި ކުރިމަތިވެފައިވާ ގޭހުގެ ދަތިކަން ޙައްލުކޮށްފައިވާ ކަމަށެވެ. އަދި މި ޝިޕްމަންޓާއެކު މޯލްޑިވްސް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

(މާރިޗު 23) ސަރުކާރުން ތައާރަފްކުރާ "މާލެ ޓެކްސީ" ލައިންއަށް ހާއްސަ ހޮޓްލައިނަކަށް 1655 ކަނޑައަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ސަރުކާރުގެ ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.

(މާރިޗު 24) ޓެކްސީ ލައިނަށް ބޭނުންކުރާ ކާރުތައް ގެންނަން ފެށީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. (މާރިޗު 23) ބޮޑު ކަންނެލީގެ ދޯނިތަކަށް ސަބްސިޑީ ދޭން ނިންމާފައިވަނީވެސް ނިމުނު ހަފުތާގެތެރޭގައެވެ.

(މާރިޗު 21) މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ އުމްރާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށްޓަކައި، މިފްކޯއާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން، ސީއެމްއީސީއާ ދެމެދު 3 އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެހެނިހެން ދާއިރާތައް

އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު (މާރިޗު 24) 12 ނޯޓިކަލް ބޭރުގެ ވައިގެ ސަރަހައްދަށް ރާއްޖޭގެ ޤާނޫނީ ބާރެއް ނުހިނގާނެކަމަށް ދިފާޢީ ވުޒާރާ ވިދާޅުވި ޚަބަަރު ފާހަގަކޮށްލެވެއެވެ. އަދި (މާރިޗު 25) ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ/

(މާރިޗު 24) އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ޤާނޫނަށް ގެނައި އިސްލާހުގެ އާއްމު ޤަވާއިދު ގެޒެޓުކޮށް ޢަމަލުކުރަން ފަށައިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ޤާނޫނު ތަންފިޒުކުރަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށުންނެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، ޖެނުއަރީ 5ވަނަ ދުވަހުއެވެ. އަދި މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ ޖަނަވަރީ 8ވަނަ ދުވަހުއެވެ.