ދުނިޔެ

ޗައިނާއާއި ކިޔުބާއިން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި


އެކި ދާއިރާތަކުން ގުޅުންތައް ބަދަހި ކުރުމުގެ ގޮތުން ޗައިނާއާއި ކިޔުބާއިން ތިރީހަކަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުންތަކުގައި ދެޤައުމުގެ މަސްއޫލުވެރިން ސޮއިކުރެއްވީ ދެގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރިތާ 56 އަހަރު ފުރުމާ ގުޅިގެން ޗައިނާގެ ބޮޑުވަޒީރު ލީ ކިޗިޔާންގް ކިޔުބާއަށް ކުރެއްވި ދެދުވަހުގެ ރަސްމީ ދަތުރުފުޅުގައެވެ. މިއީ ކިޔުބާއާއި ޗައިނާއިން އެއްފަހަރާ މިހާ ގިނަ އަދަދެއްގެ އެއްބަސްވުންތަކުގައި ސޮއިކުރި ފުރަތަމަ ފަހަރެވެ.

ޗައިނާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި އޭނާވަނީ ކިޔުބާގެ ރައީސް ރައުލް ކާސްޓްރޯ އާއި އެޤައުމުގެ އިސް އެހެން މަސްއޫލުވެރިންނާވެސް ބައްދަލުކުރައްވާފައެވެ. ކިޔުބާއަކީ ލެޓިންއެމެރިކާއާއި ކެރީބިޔަން ސަރަހައްދުގައި ވެނެޒުއެލާ ފިޔަވައި ޗައިނާއާއެކު ވިޔަފާރީގެ މުޢާމަލާތްތައް އެންމެ ފުޅާކޮށް ކުރަމުންގެންދާ ޤައުމެވެ.

މިދިޔަ އަހަރުގެ ފުރަތަމަ 9 މަސްދުވަހު ދެޤައުމުން 1.6 ބިލިޔަން ޑޮލަރުގެ ވިޔަފާރީގެ މުޢާމަލާތައް ހިންގާފައިވާއިރު މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 57 އިންސައްތައިގެ ކުރިއެރުމެއްކަމަށް ދެޤައުމުގެ މަސްއޫލުވެރިން ވިދާޅުވެއެވެ.