ޚަބަރު

ސުލްޙައިގެ އެއްބަސްވުމެއްގައި ލުބްނާން ހިމަނަން އީރާނުން ބޭނުންވޭ


ޔަހޫދީންނާއި އެމެރިކާއާއެކު ވެވޭ ސުލްޙައިގެ އެއްބަސްވުމެއްގައި ލުބްނާން ހިމަނަންޖެހޭނެ ކަން ބައިނަލްއަޤުވާމީ މެދުވެރިންނަށް އަންގައި، ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އީރާނުން ބާރުއަޅަމުން އެބަދެއެވެ. މި ކަން ހާމަކޮށްފައި ވަނީ، ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އިނގޭ މަޞްދަރުތަކުންނެވެ.

މި ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 15 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް ހުށަހަޅުއްވާފައެވެ. އީރާން ސަރުކާރުގެ މަޞްދަރަކާ ޙަވާލާދީ އެ ޤައުމުގެ ޕްރެސް ޓީވީން ބުނީ، އެމެރިކާއާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، އީރާނުން ވާގިވެރިވާކަމަށް ތުހުމަތު ކުރެވޭ ޖަމާޢަތްތަކާ ދެކޮޅަށް ޔަހޫދީން ހިންގާ ޖަރީމާތައް ހުއްޓުވެން ޖެހޭނެ ކަމުގައެވެ. މެދުއިރުމަތީގައި ޓްރަމްޕް އިސްވެ ފަށްޓަވާފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޭނާ ހުށަހަޅުއްވާފައިވާ ޝަރުޠުތައް ތެހްރާނުން ދިރާސާކުރަމުންދާ ކަން ވެސް، އީރާން ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ބައިނަލްއަޤުވާމީ މީޑިޔާއަށް ކަށަވަރު ކޮށްދެއްވާފައެވެ.

ނަން ހާމަކޮށްފައި ނުވާ މަޞްދަރުތަކުން ބުނީ، ލުބްނާންގައި ހަރަކާާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އަށް އަމާޒުކޮށް ކަމަށް ބުނެ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް މާރިޗުގެ މަހުގެ މެދެއްހާ ހިސާބުގައި އީރާނުން މަސައްކަތް ފަށާފައިވާ ކަމުގައެވެ. 1982 ވަނަ އަހަރު އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) އުފެއްދި ޙިޒްބުالله އިން މާރިޗު 2 ވަނަ ދުވަހަށް ފަހު ދަނީ ޞަހްޔޫނީ ދައުލަތުގެ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.

މިއީ، އީރާނަށް ވާގިވެރިވުމުގެ ގޮތުން އެ ޖަމާޢަތުން ފަށާފައިވާ އަސްކަރީ ހަރަކާތެކެވެ. އޭގެ ރައްދުގައި ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތައް ދޭން ފަށާފައެވެ. މި ޙަމަލާތަކުގައި 1,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، މިލިޔަނަކަށްވުރެ ގިނަ މީހުން ވަނީ ޙާލުގައި ޖައްސާފައެވެ.

އެއްބަސްވުމެއްގައި ޙިޒްބުالله ހިމެނުމަށް އީރާނުން މަސައްކަތް ކުރުމަކީ ޓްރަމްޕްގެ ސަރުކާރުން ފަސްޖެހޭނެ ކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އީރާންގެ ބާރުއެޅުންތަކާއެކު ލުބްނާންގެ ސިޔާސީ މަސްރަޙަށް ވެސް ވަނީ ލޮޅުން އަރާފައެވެ. އަދި، އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ބޭރުކުރުމަށް ލުބްނާންގެ ސަރުކާރުން ވަނީ ނިންމާފައެވެ.

އީރާން މެދުވެރިވެގެން ވެވޭ ސުލްޙައިގެ އެއްބަސްވުމެއްގައި ޙިޒްބުالله ހިމެނިގެން ދިޔުމަކީ އެ ޖަމާޢަތަށް ލިބޭނެ ސިޔާސީ ކުރިއެރުމެއްގެ ގޮތުގައި އެ ޖަމާޢަތުން ޤަބޫލުކުރެއެވެ. ނަމަވެސް، ޔަހޫދީ ފައުޖުން ވަނީ ޙިޒްބުالله އާ ދެކޮޅަށް ކަމަށް ބުނެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިނުލާނެ ކަމަށް ބުނެފައެވެ.